14 އޯގަސްޓް 2020 - 08:29

މިދިޔަ އަހަރު ރިލީޒްކުރި ރިތިކް ރޯޝަންގެ ކާމިޔާބު ފިލްމު "ސުޕަ 30" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާ ކަމަށް އެ ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރު ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ވާހަކަ އަދިވެސް ކުރިއަށް ގެންދެވެން އޮތުމާ އެކު އޭނާއާ ބެހޭ ގޮތުން ފޮތެއް ލިޔުނު ލިޔުންތެރިޔާ ޑރ. ބިޖޫ މެތިއު ވެސް އިތުރު ފޮތެއް ލިޔަން ނިންމާފައިވާ ކަމަށެވެ. އަދި "ސުޕަ 30" ގެ ސްކްރީންޕްލޭ ލިޔުނު ސަންޖީވް ދައްތާއާ އެކު ވެސް ސީކްއެލްއާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް އާނަންދު ބުންޏެވެ.
"ފިލްމުގެ ދެވަނަ ބަޔަކާ ބެހޭ ގޮތުން އަހަރެމެން މަޝްވަރާކުރާތާ ވެސް މިހާރު ދުވަސްކޮޅެއްވެއްޖެ،" އޭނާ ބުންޏެވެ.
ކެނެޑާގެ ވެންކޫވާގައި ސައިކޭޓްރިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޑރ. ބިޖޫ ބުނި ގޮތުގައި ހިސާބުގެ އިލްމުގެ ދުނިޔޭގައި އާނަންދުގެ ވާހަކަ އަކީ ވަރަށް ޝައުގުވެރި ވާހަކައެކެވެ. އެހެންވެ އޭނާއާ ބެހޭ ގޮތުން ހަދާ އެއްޗެއްގައި ހިއްސާވުމަކީ އުލަފެއް ކަމަށް ވެސް ބުންޏެވެ.
މިދިޔަ އަހަރުގެ ޖުލައި ރިލީޒްކުރި "ސުޕަ 30" އަކީ އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ޑައިރެކްޓަރު ވިކާސް ބާލް 60 ކްރޯޑް ރުޕީސް (8.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 208.93 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
"ސުޕަ 30" ގެ ސީކްއެލްއެއް ހަދާކަން ކަށަވަރުކޮށް ދިން ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
މި ފިލްމުގެ ހޮލީވުޑް ރިމެކެެއް ހަދަން އުޅޭ ވާހަކަ ވެސް މިދިޔަ އަހަރު ފަހުކޮޅު ދެކެވިފައިވެ އެވެ.