02 ޖޫން 2016 - 06:10

ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ ބިރުވެރި ފިލްމް 4426 (ފޯ ފޯ ޓޫ ސިކްސް) ގެ ޝޫޓިން ގާތްގަނކަށް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް ނަހުލާ ބުނެފި އެވެ.
ނަހުލާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓް ކުރާ ފިލްމުގައި ހިމެނޭ ތަރިންގެ ތެރެއިން ޖިމީގެ ލުކް ނަހުލާ މިއަދު ވަނީ ފޭސްބުކް މެދުވެރިކޮށް ފޭނުންނަށް ދައްކާލައިފަ އެވެ.
އޭނާ ވަނީ "4426" ހަގީގަތަކަށް ހެދުމަށް ޝިނާން ކުރަމުން އަންނަ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. ފިލްމުގެ ޝޫޓިން ފެށީ މިދިޔަ މަހު އެވެ.
މިއީ ޝިނާން ޑައިރެކްޝަންގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. އޭނާ އާންމުކޮށް ފެންނަނީ ޑާކް ރެއިން އެންޓަޓައިން،މަންޓްގެ ފިލްމުތަކުގެ މަސައްކަތުންނެވެ.
ނަހުލާގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ "4426" އަކީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، އަހުމަދު ޒިޔާ އަދި އިސްމާއީލް ޖުމައިހް ހިމެނެ އެެވެ.
ނަހުލާ ބުނީ "4426" ވެގެން ދާނީ ބެލުންތެރިން ބިރުން ފިއްކަނޑައިގެންދާ ވަރުގެ ބިރުވެރި ފިލްމަކަށް ކަމަށެވެ. ފިލްމުގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ ވެސް އެކަމަށް ހާއްސަކޮށްގެން ހޯދި ހަތަރު ބުރީގެ އިމާރާތެއްގައި ހަދާފައިވާ ސެޓެއްގަ އެވެ.
"4426" ސިނަމާ އަށް އަންނާނީ އޮކްޓޯބަރު 18 ގަ އެވެ. މިއީ "ޔޫސުފް" އަށް ފަހު ނަހުލާ ޑައިރެކްޝަން ހަދާ ފީޗާ ފިލްމެއް ހަދާ ފުރަތަމަ ފަހަރެވެ.