12 އޯގަސްޓް 2020 - 11:52

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މާލީ ދަތިތަކުން އަރައިގަތުމަށް ބޭރުގެ މާލީ އިދާރާތަކުން މިހާތަނަށް ތިން ބިލިއަން ރުފިޔާ ރާއްޖެ ލިބިއްޖެ އެވެ. އޭގެ ތެރޭގައި ލޯނާއި ހިލޭ އެހީ ހިމެނެ އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ދާއިރާ ހުއްޓި، މުޅި ދައުލަތުގެ އާމްދަނީ އިންތިހާ އަށް ދަށްވުމުމާ ގުޅިގެން ސަރުކާރުން އަންނަނީ ބޭރުގެ މާލީ އިދާރާތަކުން ބޮޑެތި އެހީތަކެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް ރާއްޖެ އަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އާއި އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޯފިޑް) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކެވެ.
މާލީ އިދާރާތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް މިހާތަނަށް ލިބިފައިވަނީ ވޯލްޑް ބޭންކުންނެވެ. ވޯލްޑް ބޭންކުން ގާތްގަނޑަކަށް 31 މިލިއަން ޑޮލަރު (470 މިލިއަން ރުފިޔާ) ދީފައިވެ އެވެ.
ބޭރުގެ މާލީ އިދާރާތަކުގެ އިތުރުން ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ވެސް މާލީ އެހީތެރިކަމާއި އެހެނިހެން ތަކެތި ރާއްޖެ އަށް އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި ޖަޕާނާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނިސެފް ވެސް ހިމެނެ އެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު މިހާތަނަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ އިންޑިޔާއިންނެވެ.
ބޭރުގެ މާލީ އިދާރާތަކުން ދިން އެހީގެ އިތުރުން ސަރުކާރުން ވަނީ ހަރަދުތައް މެނޭޖް ކުރުމަށްޓަކައި އެމްއެމްއޭ މެދުވެރިކޮށް ހަތަރު ބިލިއަން ރުފިޔާ އޯވަޑްރޯކޮށްފަ އެވެ.
ރާއްޖެ އަށް ލިބޭ އާމްދަނީގެ 60 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމުން ހަރަދުތައް ހަމަޖައްސަން ވަނީ ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފަ އެވެ. ސިއްހީ ދާއިރާ އަށް ކުރަން ޖެހޭ އިތުރު ހަރަދާ އެކު މި އަހަރުގެ ބަޖެޓް ޑެފިސިޓް 13 ބިލިއަން ރުފިޔާ އާއި 16 ބިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކަށް މައްޗަށް އަރާނެ އެވެ.