12 އޯގަސްޓް 2020 - 11:12

ކޮވިޑް-19 ގައި ރާއްޖެ އިން އިތުރުން މީހަކު މިއަދު މަރުވެއްޖެ އެވެ. މިއީ މިހާތަނަށް މަރުވި 21 ވަނަ މީހާ އެވެ.
އެޗްޕީއޭ އިން ބުނީ، އުމުރުން 77 އަހަރު އެ އަންހެންމީހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެއް ކަމަށެވެ. އޭނާ މަރުވީ މިއަދު ހެނދުނު 9:20 ގަ އެވެ. އެއީ މިދިޔަ ޖުލައި 20 ގައި ކޮވިޑަށް ޕޮޒިޓިވްވި މީހެކެވެ.
ކޮވިޑް ޖެހިގެން އިއްޔެ ވެސް ރާއްޖޭގައި މީހަކު މަރުވެފައި ވެ އެވެ. އެއީ އައިޖީއެމްއެޗުގައި ފަރުވާދެމުން އައި އުމުރުން 67 އަހަރުގެ ފިރިހެނެކެވެ. އެއީ، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކޮވިޑަށް ޓެސްޓުކޮށް، ޖެހިގެން އައި ބުދަ ދުވަހު ނަތީޖާ ލިބުނުއިރު ޓެސްޓު ނެގެޓިވް ވެފައިވާ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެފައި ވެ އެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު މެންދުރު ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް، ކޮވިޑް ޓެސްޓު ކުރިއިރު ނަތީޖާ ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ނަތީޖާ ލިބުނީ އިއްޔެ ރޭ ދަންވަރެވެ.
މި މަހުގެ މިހާތަނަށް ކޮވިޑް ބަލީގައި ރާއްޖެ އިން ވަނީ ފަސް މީހަކު މަރުވެފަ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އިއުލާންކުރި ލޮކްޑައުން އަށް ދިން ލުއިތަކާ އެކު، އެ ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ މާޗު 7 އިން ފެށިގެން މިހާތަނަށް 5،223 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 2،849 މީހަކު ރަނގަޅުވެފައިވާއިރު، 2،354 މީހަކު މިހާރު ފަރުވާގައި އެބަތިއްބެވެ. ހާލު ބޮޑުވެގެން 148 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާދެމުންނެވެ.