25 އޮކްޓޯބަރ 2016 - 08:17

އަރަމުން އަންނަ ޒުވާން ފިލްމީ ތަރި އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާންގެ 60 ވަނަ އުފަން ދުވަހުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.
މިއަދު އުފަން ދުވަސް ފާހަގަކުރާ ސޯނީ ރާޒްދާން އާއި އޭނާގެ ފިރިމީހާ މަހޭޝް ބަޓް އަށް ދަރިފުޅު ރާއްޖޭގެ ޗުއްޓީ ދަތުރެއް ދޭނެ ކަމަށް އާލިއާ ބުނީ ބައްޕައާ އެކު ބައިވެރިވި ޓީވީ ޝޯއެއްގަ އެވެ.
އާލިއާ އާއި ސިދާރްތު މަލްހޯތުރާ ވޯގް މަޖައްލާ އަށް ދިވެހިރާއްޖޭގައި ނަގާފައިވާ ފޮޓޯ ޝޫޓެއް ހިމެނޭ ފޮޓޯއެއް އެ ޝޯގެ ހޯސްޓް ދައްކާލުމާ އެކު މަހޭޝް ބަޓް އެ ފޮޓޯ ވަރަށް ރީތި ކަމަށާއި އެއީ ދިވެހިރާއްޖޭގެ ފޮޓޯއެއްކަން ހަނދާންކޮށްދިނެވެ.
އެއީ ރާއްޖެކަން ހަނދާންކޮށްދިނީ ކީއްވެގެންތޯ އެހުމުން އާލިއާ ބުނީ މަންމަ އާއި ބައްޕަ ގޮވައިގެން މަންމަގެ އުފަން ދުވަސް ފާހަގަކުރަން ރާއްޖެއަށް ދާން ނިންމާފައިވާ ކަމަށެވެ.
ޗުއްޓީ އަށް ރާއްޖެ އަންނާނެ ކަމަށް ބުނި ނަމަވެސް އާލިއާ އާއި އޭނާގެ މައިންބަފައިން މިހާރު ތިބީ ރާއްޖޭގައި ކަމެއް ނޭނގެ އެވެ.