12 އޯގަސްޓް 2020 - 11:18

ތިމްޕޫ (އޮގަސްޓް 12) - ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ވެރިރަށް ތިމްޕޫގެ ބަޔަކާ ކޮންޓެކްޓްވުމާ ގުޅިގެން ބޫޓާން ފުރަތަމަ ފަހަރަށް ލޮކްޑައުންކޮށްފި އެވެ.
"ކޮރޯނާވައިރަހުން ރައްކާތެރިވުމަށްޓަކައި އެންމެން ވެސް ގޭގައި ތިބުން އެދެން. ސްކޫލްތަކާއި އޮފީސްތައް އަދި ވިޔަފާރިތައް ވަނީ ބަންދުކޮށްފައި،" ބޫޓާން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ، އާބާދީގައި 754،000 މީހުން ހިމެނޭ ބޫޓާނުން ކޮރޯނާވައިރަހަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 113 މީހުންނެވެ. އެ ގައުމުން އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.
ބޫޓާނުން އެންމެ ފަހުން ޕޮޒިޓިވްވެފައި ވަނީ ކުވޭތުން ދިޔަ 27 އަހަރުގެ އަންހެނެކެވެ. ކަރަންޓީނުގައި 30 ދުވަހު ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލީ ޓެސްޓް ނެގެޓިވްވުމުންނެވެ. ނަމަވެސް އޭގެ 10 ދުވަސް ފަހުން އެ މީހާ ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ ތިމްޕޫގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ތިމާގެ މީހުންނާ ބައްދަލުކޮށްފަ އެވެ. ހޯމަ ދުވަހުގެ މެންދުރާ ހަމައަށް އެ މީހާ ވަނީ 210 މީހުންނާ ކޮންޓެކްޓްވެފައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ބޫޓާން ލޮކްޑައުން ކުރަން ނިންމީ އެ ގައުމުގެ ވައިރަސް ޓާސްކް ފޯހުގެ ލަފާގެ މަތިންނެވެ. ބޫޓާންގެ ބޮޑުވަޒީރަކީ ވެސް މެޑިކަލް ޑޮކްޓަރެކެވެ.