"ތުރީ މެން އެންޑް އަ ބޭބީ" ގެ ރިމޭކް ޒެކް އެފްރޯން އަށް
"ތުރީ މެން އެންޑް އަ ބޭބީ" ގެ ރިމޭކް ޒެކް އެފްރޯން އަށް

މީގެ 33 އަހަރު ކުރިން ރިލީޒްކުރި ވަރަށް ކާމިޔާބު ކޮމެޑީއެއް ކަމަށްވާ "ތުރީ މެން އެންޑް ބޭބީ" ގެ ރިމެކެއް ހަދަން ޑިޒްނީން ނިންމައި، އޭގެ ރޯލެއް ޒެކް އެފްރޯން އަށް ހުށަހަޅައިފި އެވެ.

ޑިޒްނީ ޕްލަސް އަށް ހަދާ މި ފިލްމުގެ ޕްރޮޑިއުސަރަކީ އެ ސްޓޫޑިއޯގެ ލައިވް-އެކްޝަން ފިލްމު ޔުނިޓްގައި އިސްކޮށް މަސައްކަތްކުރާ ގޯޑަން ގްރޭ އެވެ. އޭނާ ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި ސްޕޯޓްސް ޑްރާމާ "ދަ ރުކީ" އާއި މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި އެކްޓަރު ބެން އެފްލެކްގެ "ދަ ވޭ ބެކް" ހިމެނެ އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނީ "ތުރީ މެން އެންޑް އަ ބޭބީ" ގެ ރިމެކްގެ ކާސްޓަށް އެފްރޯން ނެގުމަށް ފަހު، ފިލްމަށް ބޭނުންވާ އަނެއް ދެ ލީޑް އެކްޓަރުންނާއި ޑައިރެކްޓްކުރާނެ މީހަކު މިހާރު އަންނަނީ ހޯދަމުންނެވެ. ޑިޒްނީގެ ފިލްމަކުން އެފްރޯނަށް އަލުން ފުރުސަތު ލިބިފައި މި ވަނީ ގިނަ ދުވަސްތަކެއް ފަހުންނެވެ.

އޭނާ ވަނީ ސްޓޫޑިއޯ އިން 2006 ގައި ގެނެސްދިން "ހައި ސްކޫލް މިއުޒިކަލް" ގައި މަސައްކަތްކޮށްފަ އެވެ. އެފްރޯން، 32، ގެ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "އެކްސްޓްރީމްލީ ވިކްޑް، ޝޮކިންވީ އީވިލް އެންޑް ވައިލް" އިންނެވެ. އަދި މިދިޔަ މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރި ވެބް ޑޮކިއުމަންޓަރީ "ޑައުން ޓު އާތު ވިތި ޒެކް އެފްރޯން" އިން ހުނަރުވެރި ބަތަލު ފެނިފައިވެ އެވެ.

ލިއޮނާޑް ނިމޯއި ޑައިރެކްޓްކުރި "ތުރީ މެންޑް އެންޑް އަ ބޭބީ" އަކީ 1985 ގައި ގެނެސްދިން ފްރާންސްގެ ފިލްމެއް އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. އޭގެ ރޯލްތައް ކުޅުނީ ޓޮމް ސެލެކާއި ސްޓީވް ގަޓެންބާގްގެ އިތުރުން ޓެޑް ޑޭންސަނެވެ.

ޖުމްލަ 11 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 240 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ވީލް ރީޗެލްގެ ސްކްރީންޕްލޭ ލިޔެފައިވާ "ތުރީ މެން އެންޑް އަ ބޭބީ" ގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާނެއްނުކުރެ އެވެ.