11 އޯގަސްޓް 2020 - 17:33

ގދ. ތިނަދޫ އައިސްޕްލަންޓް ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީ އަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އަދި އަމަލީ މަސައްކަތް ފަށައިފައި ވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން 9،245 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1،859.01 އަކަ މީޓަރު ސަރަހައްދެއްގެ ފަޅު ފުންކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާލައިފަ އެވެ. މީގެ އިތުރުން 161 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި، 10 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރާ އިންވެގެން ޕޭވްމަންޓް ހެދުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓުގެ ދަށުން އެމްޓީސީސީން ވަނީ ކުރިއަށްގެންގޮސްފަ އެވެ.
މި ޕްރޮޖެކްޓަށް 21.04 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނި ގޮތުގައި ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ އާ މަޝްރޫއުތައް ފަށައިފަ އެވެ. މީގެ ތެރެއިން 17 ރަށެއްގެ 19 މަޝްރޫއު މިހާތަނަށް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.