100 ދުވަހަށް ފަހު ނިއު ޒީލެންޑުން ކޮރޯނާވައިރަސް ފެނިއްޖެ
100 ދުވަހަށް ފަހު ނިއު ޒީލެންޑުން ކޮރޯނާވައިރަސް ފެނިއްޖެ

އޯކްލޭންޑް (އޮގަސްޓް 11) - ސަތޭކަ ދުވަހަށް ފަހު، ނިއު ޒީލެންޑުން ކޮރޯނާވައިރަހުގެ ލޯކަލް ޓްރާންސްމިޝަނެއް މިއަދު ފެނިއްޖެ އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލްކޮށްގެން މުޅި ދުނިޔޭގެ ތައުރީފް ލިބިފައިވާ ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ އޯކްލޭންޑުގެ އެއް އާއިލާއަކުން ހަތަރު މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"102 ދުވަހަށް ފަހު ނިއު ޒީލެންޑުން ވަނީ އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީއެއްގެ ބޭރުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެފައި. އަޅުގަނޑުމެން އެންމެން ވެސް ބުރަކޮށް މަސައްކަތް ކުރަމުން ދިޔައީ މި ހާލަތާ ބައްދަލު ނުކޮށްވޭތޯ،" ގައުމާ މުޚާތަބް ކުރައްވަމުން އާޑާން ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެން ވަނީ އެ ހާލަތަށް ވެސް ތައްޔާރުވެފައި."

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ނިއު ޒީލެންޑުން ވައިރަސް ނައްތާލި ކާމިޔާބު ގޮތަށް ތައުރީފްކޮށް، އެއީ މިސާލެއް ކަމަށް ބުނެފަ އެވެ.

އާބާދީގައި 4.8 މިލިއަން މީހުން ހިމެނޭ ނިއު ޒީލެންޑުން ކޮވިޑް-19 ގައި މަރުވެފައި ވަނީ 22 މީހުންނެވެ. އެ ގައުމުން ޕޮޒިޓިވްވެފައި ވަނީ 1,570 މީހުންނެވެ. މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ނިއު ޒީލެންޑުން ލޯކަލް ޓްރާންސްމިޝަނެއް ފެނިފައެއް ނުވެ އެވެ. އެހެންވެ ނިއު ޒީލެންޑް ވަނީ އާއްމު ހާލަތަކަށް ގެނެސްފަ އެވެ. ނަމަވެސް ސިއްހީ ތަޖްރިބާކާރުން ވަނީ ދެ ވަނަ ރާޅެއްގެ ބިރު އޮތް ކަމަށް ބުނެފަ އެވެ.

މާދަމާ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އޯކްލޭންޑް ލޮކްޑައުން ކުރުމަށް މިހާރު ވަނީ ނިންމައިފަ އެވެ.