11 އޯގަސްޓް 2020 - 15:03

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މަރުވި މީހުންގެ އަދަދު މިއަދު ވިއްސަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު މެންދުރު 12:12 ގައި މަރުވެފައި ވަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދިޔަ އުމުރުން 67 އަހަރުގެ ފިރިހެނަކު ކަމަށެވެ.
މިއީ، މިދިޔަ އަންގާރަ ދުވަހު ކޮވިޑަށް ޓެސްޓުކޮށް، ޖެހިގެން ބުދަ ދުވަހު ނަތީޖާ ލިބުނުއިރު ޓެސްޓު ނެގެޓިވް ވެފައިވާ މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ނަމަވެސް އިއްޔެ މެންދުރު ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް، ކޮވިޑް ޓެސްޓު ކުރިއިރު ނަތީޖާ ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ނަތީޖާ ލިބުނީ ރޭ ދަންވަރެވެ.
އެ މީހާ އެންމެ ފުރަތަމަ ކޮވިޑަށް ޓެސްޓު ކުރީ އޭނާ ދިރިއުޅޭ ގޭގެ އެހެން ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި އެ ގެ ވެސް ކަރަންޓީންގަ އެވެ.
ކޮޮވިޑުން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިން ފަހުން، މި ބަލި ފެތުރޭ މިންވަރު އިތުރުވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ. މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މިހާތަނަށް 145 މީހަކު އެޑްމިޓްކޮށްފައި އެބަތިއްބެވެ. މި އަދަދު އިތުރުވަމުން ދާތީ ސިއްހީ ތަޖުރިބާކާރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މަސް ފެށުނު ފަހުން މިހާރު ވަނީ ކޮވިޑް-19 ގައި ހަތަރު ދިވެހިން މަރުވެފަ އެވެ.
ރާއްޖެއިން މިހާތަނަށް 5،157 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 2،835 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 2،303 މީހަކަށެވެ. އައިސޮލޭޝަނުގައި 1،452 މީހުން އެބަތިއްބެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދަށް ބަލާއިރު ދިވެހިންގެ އަދަދަކީ 2،803 އެވެ. ދެން އެންމެ ގިނައީ ބަންގްލާދޭޝް މީހުންނެވެ. އެ ގައުމުގެ 1،857 މީހަކު ހިމެނެ އެވެ.
މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުން މިހާރު ދަނީ ކޮރޯނާވައިރަހަށް ބައެއް މީހުން ޕޮޒިޓިވްވަމުންނެވެ. ހއ. އިހަވަންދޫ، ހއ. ކެލާ، ހއ. ފިއްލަދޫ، ހދ. ނައިވައިދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫ، ފުވައްމުލަށް އަދި އައްޑޫ ހިތަދޫން ވަނީ ޕޮޒިޓިވް މީހުން ފެނިފަ އެވެ.