11 އޯގަސްޓް 2020 - 15:31

ޕޯޓް ލުއިސް (އޮގަސްޓް 11) - މޮރިޝަސްގެ ފަރަށް އަރައި ތެޔޮ ފައިބަމުދާ ބޯޓު ކޮންމެ ވަގުތަކު ވެސް ދެ ބުރިވެރިދާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ގާތްގަނޑަކަށް 4،000 ޓަނުގެ ތެލާ އެކު އެމްވީ ވަކަޝިއޯ މޮރިޝަސްގެ ފަރަށް އެރީ ޖުލައި 25 ގަ އެވެ. އެ ބޯޓުން ތެޔޮ ލީކުވާން ފެށީ މިދިޔަ ހަފުތާގަ އެވެ. މިހާތަނަށް ވަނީ 1،000 ޓަނުގެ ތެޔޮ ބޭރުވެފަ އެވެ. މޮރިޝަސްގެ ހިތްގައިމު މުރަކަ ފަރުތައް ވަނީ ކިލަނބުވެފަ އެވެ. އާބާދީގައި 1.3 މިލިއަން މީހުން ހިމެނޭ މޮރިޝަސްގެ އިގްތިސާދުގެ ބޮޑު ބައެއް ބިނާ ވަނީ ކަނޑުގެ ދިރުންތަކާއި އިކޯޓޫރިޒަމަށެވެ.
ހެލިކޮޕްޓަރު ބޭނުންކޮށްގެން ބޯޓުން ތެޔޮ ހުސްކުރުމުގެ މަސައްކަތް ކުރި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ވަނީ އެ މަސައްކަތަށް ހުރަސް އެޅިފަ އެވެ. ބާޖެއް ބޭނުންކޮށްގެން އިއްޔެ ވަނީ 500 ޓަނުގެ ތެޔޮ ހުސްކޮށްފަ އެވެ. ބޯޓުގައި މިހާރު ހުރީ 2،000 ޓަނުގެ ތެލެވެ. ބޯޓުން ބޭރުވި ތެޔޮ، ވައިގެ މިސްރާބު ހުރި ގޮތުން ވަނީ ގޮނޑުދޮށަށް ޖަމާވާން ފަށައިފަ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ވިދާޅުވީ ބޯޓުގައި ވަރަށް ބޮޑަށް ރެނދުލާފައިވާ ކަމަށާއި ކޮންމެ ވަގުތަކު ވެސް ބޯޓު ބިންދައިގެން ހިނގައިދާނެ ކަމަށެވެ. ބޯޓުގައި ރެނދުލާފައިވާ ކަމަށް ޑައިވަރުން ވެސް ވަނީ ބުނެފަ އެވެ.
ބޯޓު ފުން ކުރެވޭތޯ ބެލުމަށް ޖަޕާނުން ވަނީ ކޯސްޓްގާޑުގެ މެންބަރުން ހިމެނޭ ގޮތަށް ހަ މީހުންގެ ޓީމެއް ފޮނުވައިފަ އެވެ. ފްރާންސް އިން ވަނީ 20 ޓަނުގެ ޓެކްނިކަލް ސާމާނު ފޮނުވައިފަ އެވެ.