އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އެންއައިސީގެ ހުސްވެފައިވާ މަގާމަށް، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. ފޯމު ބަލައިގަންނަން ހަމަޖައްސާފައި ވަނީ ހެނދުނު 9:30 އިން 12:30 އަށެވެ.

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި އަހުމަދު ސުލެއިމާން އިއްޔެ މަގާމުން ވަކިކުރުމުންނެވެ.

އެ ކޮމިޝަންގައި ތިއްބެވި ތިން މެމްބަރަކު މިދިޔަ މަހު އިސްތިއުފާ ދެއްވުމުން، ހުސްވި މަގާމުތަކަށް ވެސް ކުރިމަތިލާން ހުޅުވާލި އެވެ. އޭރު އިސްތިއުފާ ދެއްވީ، ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އާއި މެމްބަރު އަހުމަދު އަމީނެވެ. އެންއައިސީގައި މި ވަގުތު ހުރީ، އަހުމަދު ޖިހާދު އެކަންޏެވެ. އެއީ މި ސަރުކާރުން އައްޔަންކުރެއްވި ބޭފުޅެކެވެ.