11 އޯގަސްޓް 2020 - 14:35

މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މިފްކޯގެ ފެކްޓްރީތަކުގަ އާއި އައިސްޕްލާންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މާސްކު ހަދިޔާ ކޮށްފި އެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ކޮވިޑް-19 ފެތުރުމާ ގުޅިގެން އެންމެން ވެސް މާސްކު އެޅުމަށް އެޗްއޯއީސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އެހެންކަމުން މިވަގުތު އެކި ރަށްރަށުގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނާއި މަސްކިރުވާ ބޯޓުތަކުގައި ތިބި މުވައްޒަފުންނަށް ވެސް ރައްކާތެރިވެތިބުމަށް މާސްކު ހަވާލުކޮށްފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
މުވައްޒަފުންގެ އިތުރުން ފެލިވަރާއި ކޫއްޑޫ އާއި އައްޑޫގައި ހުންނަ އެކުންފުނީގެ ކޮމްޕްލެކްސްތަކަށް މަސްކިރުވާ ދޯނިފަހަރަށް ވެސް މާސްކު ހަދިޔާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްތަކަކީ މަސްކިރުވުމުގެ އިތުރުން މަސްވެރިންނަށް ކެފޭގެ ހިދުމަތާއި ފިހާރައިގެ ހިދުމަތާއި އަދި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަމުން އަންނަ ތަންތަނެވެ. އެހެންކަމުން އެ ތަންތަނުގައި މަސްވެރިންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ވެސް ވަނީ ފިޔަވަޅުތައް އަޅާފަ އެވެ. މީގެ ތެރޭގައި ކޮމްޕްލެކްސްއަށް ދާ މީހުން އަތް ދޮންނާނެ އިންތިޒާމާއި އަރައި ފޭބުމުގެ އުސޫލުތައް ވަނީ ކަނޑައަޅައިފަ އެވެ.
އެ ކުންފުނިން އެކުލަވާލައިފައިވާ އުސޫލުގެ ދަށުން ފިޝަރީޒް ކޮމްޕްލެކްސްއަށް އަރައިފޭބޭނީ މާސްކު އަޅައިގެން ތިބޭ މީހުންނަށް އެކަންޏެވެ. އަދި އަރައި ފައިބާ ކޮންމެ މީހެއްގެ ހުން ވެސް ބަލާނެ ކަމަށް މިފްކޯއިން ބުންޏެވެ.