ރ. މީދޫ ކަރަންޓީނުގައި ހުރި މީހަކު މަރުވެއްޖެ
ރ. މީދޫ ކަރަންޓީނުގައި ހުރި މީހަކު މަރުވެއްޖެ

ރ. މީދޫ ސިއްހީ މަރުކަޒުގައި ކަރަންޓީނުގައި ހުރި މީހަކު މިއަދު މަރުވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން އަފީފް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ރަށަށް ދިޔަ އަންހެން މީހާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އައި މީހެއް ކަމަށެވެ. އޭނާ ކަރަންޓީނުގައި ހުރީ ވެސް، އިންޑިއާއިން ފަރުވާ ހޯދުމަށްފަހު އެވެ.

އިންޑިއާއިން ފަރުވާ ހޯދުމަށްފަހު، ރަށަށް ދިޔައީ، އިތުރަށް ދެވޭނެ ފަރުވާއެއް ނެތުމުންނެވެ.

އޭނާ ކަރަންޓީނުގައި އެންމެ ފުރަތަމަ ހުރީ ގޭގަ އެވެ. ނަމަވެސް ހާލު ސީރިއަސްވުމުން ހަމަ އެ ދުވަހު ރަށު ސިއްހީ މަރުކަޒަށް ބަދަލުކޮށް، ކަރަންޓީނު ފުރިހަމަކުރަމުން އައީ އެ މަރުކަޒުގައި ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އަށް ކޮވިޑް ފެތުރިފައިވާއިރު، މި ދުވަސްވަރު މަރުވާ އެންމެން ވެސް ކޮވިޑަށް ޓެސްޓުކުރެ އެވެ. އެގޮތަށް 72 އަހަރުގެ އަންހެން މީހާ ވެސް ކޮވިޑަށް ޓެސްޓުކޮށްފައިވާއިރު، އަދި ނަތީޖާއެއް ނުލިބެ އެވެ.

ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވާނަމަ، ކަށުކަމާގެ ކަންކަން ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ ކޮވިޑްގައި މަރުވާ މީހުންނާ މެދު އަމަލުކުރާ ގޮތަށެވެ.