11 އޯގަސްޓް 2020 - 10:30

ލިވަޕޫލް (އޮގަސްޓް 11) – ގްރީކުގެ ޒުވާން ޑިފެންޑަރު ކޮސްޓަސް ސިމިކާސްގެ ސޮއި ލިވަޕޫލުން ހޯދައިފި އެވެ.
އޮލިމްޕިއާކޯސްގެ ޑިފެންޑަރު އިނގިރޭސި ޗެމްޕިއަނުން ގަތީ 15 މިލިއަން ޑޮލަރަށެވެ. އޭނާ ވަނީ އެ ކްލަބާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. ސިމިކާސް ގެނައީ ލިވަޕޫލުގެ ވާތު ބެކް އެންޑީ ރޮބަޓްސަންގެ ބެކްއަކް ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް، އުމުރުން 24 އަހަރުގެ މި ކުޅުންތެރިޔާ ގަތީ، ނޯވިޗްގެ އުތުރު އަޔަލެންޑް ވާތު ބެކް ޖަމާލް ލެވިސް އަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު އޭނާ ވިއްކަން ނޯވިޗުން ކިޔާ އަގަށް ކްލޮޕް އެއްބަސްނުވީ އެވެ.
"އަހަރެން މިހިރީ ވަރަށް އުފަލުން، ވަރަށް ފަހުރުވެރިވެފައި މި ކްލަބާ ގުޅެން. އަހަންނަށް މިއީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް. މިތަނުގެ ލީގު އަހަންނަށް ވަރަށް ކަމުދޭ. އަހަރެން ޓީވީން ބަލަން އަދި ކުޑައިރުއްސުރެ އެއީ ހުވަފެނެއް މި ލީގުގައި ކުޅުމަކީ. އަހަރެން ބޭނުން އަހަރެމެންގެ ޓާގެޓްތައް ހާސިލްކުރަން. ލީގު އަލުން ކާމިޔާބުކުރުމާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން،" އޭނާ ބުންޏެވެ.
ގްރީކުގެ ވަރުގަދަ ޓީމެއް ކަމަށްވާ އޮލިމްޕިއާކޯސްގެ ޔޫތު ޓީމުގެ އުފެއްދުމެއް ކަމަށްވާ ސިމިކާސް ވަނީ 2015 އިން ފެށިގެން އެ ކްލަބުގެ ސީނިއާ ޓީމަށް 86 މެޗު ކުޅެދީފަ އެވެ. އަދި ލޯން އުސޫލުން ޑެންމާކް ލީގާއި ނެދަލެންޑްސް ލީގުގައި ވެސް ކުޅުނެވެ. އޭނާ ވަނީ ގްރީކް ގައުމީ ޓީމަށް ތިން މެޗު ކުޅެދީފަ އެވެ.