އެންމެން މަލާމާތްކުރި "އެންމެ ކަޅު" މޮޑެލް
އެންމެން މަލާމާތްކުރި "އެންމެ ކަޅު" މޮޑެލް

ހަމުގެ ކުލާ އާދަޔާ ޚިލާފަށް ކަޅުކަމުން އެންމެން މަލާމާތްކުރަމުން ދިޔަ، ސެނެގަލްއަށް ނިސްބަތްވާ ހުދިޔާ ޑިއޮޕް މިހާރު ވަނީ އެންމެ ކަޅު މޮޑެލްގެ ގޮތުގައި މަޝްހޫރުވެފަ އެވެ. އުމުރުން 19 އަހަރުގެ ހުދިޔާ މޮޑެލްކުރަން ފެށިތާ އަދި ވީ އެންމެ ދެ އަހަރެވެ. އޭނާ 15 އަހަރުގައި ދިރިއުޅުން ބަދަލުކުރީ ފްރާންސަށެވެ. މިހާރު އޭނާ ދިރިއުޅެނީ އެމެރިކާގެ ނިއު ޔޯކްގަ އެވެ.

ޑެއިލީ މެއިލް އަށް ދިން އިންޓަވިއުއެއްގައި ހުދިޔާ ބުނެފައި ވަނީ އޭނާގެ އަމިއްލަ ގައުމުގައި އުޅުނު އިރު ވެސް ކަޅުކަމުން ވަރަށް ގިނަ މީހުން މަލާމާތްކުރާ ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި މަލާމާތްކުރާ މީހުންނަށް އަބަދުވެސް ރައްދު ދީފައި ވާނެ އެވެ. "މެލަނިން ގޮޑެސް"ގެ ގޮތުގައި ގިނަ މީހުން ދަންނަ ހުދިޔާ އަކީ މޮޑެލްކުރުމުގެ މިސާލެއްގެ އިތުރުން އޭނާގެ ސަބަބުން އެތައް ބަޔަކަށް ދަނީ ހިތްވަރު ލިބެމުންނެވެ.

ހުދިޔާގެ އިންސްޓަގްރާމް 220،000 މީހުން ފޮލޯ ކުރެ އެވެ. މިއީ އޭނާގެ އެކި "ބޮޑީ ޕޮޒިޓިވް" މެސެޖާއި ނަސޭހަތް މީހުންނާ އެކު ހިއްސާ ކުރަން ބޭނުންކުރާ ޕްލެޓްފޯމަކަށް ވެސް ވެއްޖެ އެވެ.

ހުދިޔާއަށް އެކި ނަންނަމުން މީހުން މުހާތަބުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ. "ޑާކީ" އަދި "ޑޯޓާ އޮފް ދަ ނައިޓް" އަކީ ވެސް އޭނާ އަށް ކިޔާ ނަންނަމެވެ.

ހުދިޔާ ބުނި ގޮތުގައި ލިބުނު މަގުބޫލުކަމާ އެކު ވެސް، ސޯޝަލް މީޑިއާ ސައިޓުތަކުގައި އޭނާ އަށް މިހާރުވެސް މީހުން މަލާމަތްކުރެ އެވެ. އޭނާގެ ހަމުގައި މެލަނިން ގިނަ ވުމުގެ ސަބަބުން ހަމުގެ ކުލަ އެހެން މީހުންނާ ތަފާތު ވިިޔަސް އެއީ ފާޑުކިޔަން ޖެހޭ ކަމެއް ނޫންކަމަށް އޭނާ ބުނެފައިވެ އެވެ.

"ބޭރު ސިފަ ކޮންމެ ގޮތަކަށް ހުއްޓަސް ކޮންމެ ކުއްޖެއް ވެސް އިސްކަން ދޭންވާނީ އެތެރޭން އެކުއްޖެ ރީތިކަން އިހްސާސު ކުރުމަށް،" ހުދިޔާގެ ނަސޭހަތް ހިއްސާ ކުރި އެވެ.