10 އޯގަސްޓް 2020 - 22:23

މިއަދުވެސް ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އިތުރު ފަސް މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 116 މީހަކަށް އަލަށް ބަލި ޖެހިފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 77 ދިވެހިންނާއި ބަންގްލާދޭޝް 27 މީހަކާއި ސްރީ ލަންކާ ހަ މީހަކާއި އިންޑިއާ ފަސް މީހަކާއި ނޭޕާލް މީހެކެވެ.
މިއާ އެކު ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5،157 އަށް އަރައިފަ އެވެ.
އިތުރު 31 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވެ މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2،835 އަށް އަރައިފަ އެވެ. ބަލީގައި 19 މީހަކު މަރުވެފައި ވާތީ މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 2،303 އެވެ.
ބަލީގެ ނުރައްކާ ބޮޑު މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރުން އިތުރުވެފައި ވާއިރު މިހާތަނަށް 145 މީހަކު އެޑްމިޓްކޮށްފައި އެބަތިއްބެވެ. މި އަދަދު އިތުރުވަމުން ދާތީ ސިއްހީ ތަޖުރިބާކާރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ ފެނުނު ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު 111 ކޭސް އަކީ މާލޭ ސަރަހައްދުން ފެނިފައިވާ ކޭސްތަކެވެ. އެހެން ރަށްރަށުން ފަސް ކޭސް ފެނިފައިވެ އެވެ. މާލެ ފިޔަވައި ކޭސްތައް މިހާރު ހުރީ ހއ. އިހަވަންދޫ، ހއ. ކެލާ، ހއ. ފިއްލަދޫ، ހދ. ނައިވައިދޫ، ރ.ހުޅުދުއްފާރު، ބ.ކަމަދޫ، ބ.ކުޑަރިކިލު، ޅ. ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ، ފުވައްމުލަށް އަދި އައްޑޫ ހިތަދޫ އެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދަށް ބަލާއިރު ދިވެހިންގެ އަދަދަކީ 2،803 އެވެ. ދެން އެންމެ ގިނައީ ބަންގްލާދޭޝް މީހުންނެވެ. އެ ގައުމުގެ 1،857 މީހަކު ހިމެނެ އެވެ.