10 އޯގަސްޓް 2020 - 21:44

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މަގާމަށް ކުރިމަތިލީ މީހުންނާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުން މިއަދު ހުޅުވާލައިފި އެވެ.
ސީއެސްސީގެ ހުސްވެފައިވާ މަގާމުތަކަށް 41 މީހަކު ކުރިމަތިލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ. އެ މީހުންގެ ނަންތައް އިއުލާނުކުރުމަށް ފަހު، ނަންތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ ޢެވެ.
އެ މަގާމުތަކަށް ހުށަހަޅާފައިވާ މީހުންނާ ގުޅޭ ގޮތުން ޝަކުވާއެއްވާ ނަމަ، މަޖިލީހުގެ އީމެއިލް[email protected]އަށް އީމެއިލް އެއް ފޮނުވައިގެން ނުވަތަ މަޖިލިހުގެ އިދާރާއަށް ސިޓީއެއް ފޮނުުވަން މަޖިލިހުން އެދުނެވެ. ޝަކުވާ ފޮނުވާ އިރު، ޝަކުވާ ފޮނުވާ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ގުޅޭނެ ނަންބަރެއް ހިމަނަން ޖެހޭނެ އެވެ.
ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އެވެ. ސީއެސްސީ އަށް ކުރިމަތިލީ މީހުންގެ ތަފްސީލް ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނުގައި ހިމަނާފައި ވެ އެވެ.
އެ ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރާނީ ރައްޔިތުންގެ މަޖިލީހުން، ކުރިމަތިލާ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.
ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން ނިންމުމުން، ހަމަ އެ ދުވަހު އެ ކޮމިޝަނުގެ ތިން މެމްބަރުން އިސްތިއުފާ ދެއްވި އެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން ހިމެނެ އެވެ. އިސްތިއުފާ ނުދެއްވުމުން، މަޖިލިހުން ވަކިކުރީ މެމްބަރު އިބްރާހިމް ޝަހީގު އެވެ.
މެމްބަރުންނާއި ވަކިކުރި މެމްބަރުގެ އިތުރުން މި ސަރުކާރުގައި 2018 ގައި އެ ކޮމިޝަނަށް އައްޔަންކުރި މެމްބަރު ފާތިމަތު އާމިރާ ވަކިކުރަން ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ފާހެއް ނުވި އެވެ. އެހެންކަމުން ސީއެސްސީގެ މެމްބަރުކަމުގައި މި ވަގުތު ހުންނެވީ އާމިރާ އެކަންޏެވެ.