01 ޖޫން 2016 - 16:12

ހުރަވީ ބިލްޑިންގެ ޝީޓުން ވެއްޓުނު ބަޔަކުން ޖެހި މީހަކު މިއަދު ޒަހަމްވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ ހުރަވީ ބިލްޑިންގުން ވެއްޓުނު ބައި އެ ސަރަހައްދުން އެވަގުތު ހިނގާފައި ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ޖެހުމާ އެކު އޭނާ ބިންމައްޗަށް ވެއްޓުނު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހާދިސާގައި ޒަހަމްވީ 57 އަހަރުގެ މީހެއް ކަމަށެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މީގެ 30 އަހަރު ކުރިން އިމާރާތްކުރި ހުރަވީ ބިލްޑިންގައި ސަރުކާރުގެ އޮފީސްތައް ހިންގަމުން އައި ނަމަވެސް އެތަން ވަނީ ވަރަށް ބޮޑަށް ބާވެ، ހަލާކުވެފަ އެވެ. މީގެ އަހަރުތަކެއް ކުރިން އެތަނުން އޮފީސްތައް ހުސްކޮށް ތަޅާލަން ވެސް އޭރުގެ ސަރުކާރުން ނިންމި އެވެ. އެކަމަކު ހުރިހާ އޮފީސްތައް ހިންގާނެ އިމާރާތްތައް ނެތުމުން އެކަން އޮތީ ނުވެ އެވެ.
ހުރަވީ ބިލްޑިންގެ އިތުރުން ރާއްޖޭގައި ބުރިބުރިއަށް ހެދި ފުރަތަމަ އޮފީސް އިމާރާތް ކަމަށްވާ ގާޒީ ބިލްޑިން ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ. އެކަމަކު އެތަނުގައި ވެސް އޮފީސްތައް އަންނަނީ ހިންގަމުންނެވެ.