10 އޯގަސްޓް 2020 - 16:40

ފަސް ރަށަކަށް ބޯފެން ދިނުމަށް ފެން ޕްލާންޓުތަކެއް ބަހައްޓަން ޗައިނާގެ ސަރުކާރުން މިއަދު އެހީދީފި އެވެ.
ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖަންގް ލޮޖޮން ވިދާޅުވީ ހއ. ކެލާ އާއި ރ. އަލިފުއްޓާއި ޅ. އޮޅުވެލިފުއްޓާއި ކ. ކާށިދު އަދި ގއ. ދާންދޫގައި ޑީސަލިނޭޝަން ޕްލާންޓުތަކެއް ބަހައްޓަން 11.8 މިލިއަން ޑޮލަރު (181،729،000 ރުފިޔާ) ގެ އެހީއެއް ދީފައިވާ ކަމަށެވެ. މި އެހީ ހަވާލުކުރީ ނެޝަނަލް ޕްލޭނިން މިނިސްޓްރީއާ އެވެ.
އެ ފަސް ރަށުގައި ބަހައްޓަން ކަނޑައަޅާފައި ވަނީ މައިކްރޯ ގްރިޑް ޑީސަލިނޭޝަން ޕްލާންޓުތަކެއް ކަަމަށް ޖަންގް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ފައިދާ ވާނެ މިފަދަ މަޝްރޫއުތައް ގުޅިގެން ކުރިއަށް ގެންދާނަން،" ޓްވިޓާ މެދުވެރިކޮށް ޗައިނާ ސަފީރު ވިދާޅުވި އެވެ.
އެކި ކަންކަމުގައި ޗައިނާ އިން އަންނަނީ ރާއްޖެއަށް ގިނަ އެހީތަކެއް ވަމުން ނެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުމަށްޓަކައި އެ ގައުމުން ވަނީ ޕީޕީއީ ހަދިޔާކޮށްފަ އެވެ. ކަރަންޓީން ފެސިލިޓީ ހަދަން ވެސް ޗައިނާގެ ކުންފުނިތަކުން 100 އަށް ވުރެ ގިނަ މުވައްޒަފުން ދިވެހި ސަރުކާރަށް ދީފައިވާ ކަމަށް ޗައިނާ ސަފީރު މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.