10 އޯގަސްޓް 2020 - 20:16

ޖެނީވާ (އޮގަސްޓް 10) - ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދި ފުރަތަމަ ގައުމުގެ ޝަރަފް ހޯދާފައިވާ ކަމަށް ރަޝިޔާ އިން ފަޚުރުވެރިކަމާ އެކު ބުނަމުން ދިޔަ ނަމަވެސް ހުޅަނގުގެ ގައުމުތަކުން ދަނީ އެ ގައުމުގެ ވެކްސިންއާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކްލިނިކަލް ޓްރަޔަލްތައް މިހާރު ނިންމަމުންދާ ރަޝިޔާގެ ވެކްސިން ވަނީ އޮކްޓޯބަރު މަހު ގިނަ ބަޔަކަށް ދިނުމަށް ނިންމައިފަ އެވެ. ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ކަންބޮޑުވުމަކީ ރަޝިޔާ އިން މާ އަވަސް އަރުވާލައިގެން ވެކްސިން ނެރެން މަސައްކަތް ކުރަމުން ގެންދާތީ އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ބައެއް މަރުހަލާތަކަށް ވަގުތު ދީގެން ފުރިހަމަ ކުރުމުގެ ބަދަލުގައި ރަޝިޔާ އިން އަވަސް އަރުވާލައިގެން ވެކްސިން ނިންމައިފި ނަމަ އޭގެ ރައްކާތެރިކަމުގެ އިތުރުން ވެކްސިން ކާމިޔާބު ނުވެދާނެތީ،" ޖޯޖްޓައުން ޔުނިވާސިޓީގެ ގްލޯބަލް ޕަބްލިކް ހެލްތުގެ ގާނޫނީ މާހިރެއް ކަމަށްވާ ލޯރެންސް ގޮސްޓިން ވިދާޅުވި އެވެ. "އެގޮތަކަށް ވެކްސިނެއް ނުނެރޭނެ. ފުރަތަމަ ކުރަންޖެހޭ ކަމަކީ ޓްރަޔަލްތައް ފުރިހަމަ ކުރުން."
ރަޝިޔާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުގެ ވެރިޔާ ކިރިލް ދިމިތުރޭފް ވިދާޅުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަޝިޔާގެ ވެކްސިން އެޕްރޫވް ކުރާނެ ކަމަށެވެ. ރަޝިޔާގައި ކޮރޯނާވައިރަހަށް ވެކްސިން އުފައްދާފައި ވަނީ ގަމަލެޔާ ރިސާޗް އިންސްޓްޓިއުޓުންނެވެ. އެކަމަކު ދުނިޔޭގައި އެންމެ އަވަހަށް ވެސް ވެކްސިން އުފެއްދުމަށް މަސައްކަތް ކުރާ އެހެން ކުންފުނިތަކުން އަދި އުޅެނީ ތިންވަނަ ފޭހުގަ އެވެ.
ތިން ވަނަ ސްޓޭޖުގައި ވެކްސިން ޓެސްޓް ކުރުމަށް އެތައް ހާސް ބަޔަކު ބޭނުން ކުރެ އެވެ. އެއީ ވެކްސިންގެ ކާމިޔާބުކަމާއި ރައްކާތެރިކަން ބެލުމަށް ބޭނުންކުރާ ހަމައެކަނި ގޮތެވެ.