11 އޯގަސްޓް 2020 - 07:32

ކޮމްޕިއުޓަރު އުފެއްދުމުގައި 35 އަހަރުގެ ތާރީހެއް އޮތް ޖަޕާނުގެ ޓޮޝިބާ އިން ކޮމްޕިއުޓަރު އުފެއްދުން ހުއްޓާލައިފި އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޓޮޝިބާ އިން އެގޮތަށް ރަސްމީކޮށް ނިންމާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ކޮމްޕިއުޓަރު އުފެއްދުން ޓޮޝިބާ އިން ހުއްޓައިލި އިރު، މީގެ ދެ އަހަރު ކުރިން އެ ކުންފުނީގެ 80.1 ޕަސަންޓް ހިއްސާ ވަނީ ޖަޕާނުގެ ޝާފް ކުންފުންޏަށް ވިއްކާލައިފަ އެވެ.
އަދި ޖޫން މަހުގެ 30 ވަނަ ދުވަހު ވަނީ ކުންފުނީގެ ބާކީ ހިއްސާ ވެސް ޝާޕަށް ވިއްކާލައިފަ އެވެ. މިއާ އެކު ޓޮޝިބާގެ ކޮމްޕިއުޓަރަށް ހާއްސަ ސަބްސިޑަރީ ކުންފުނި ޑައިނަބުކް އަކީ މިހާރު ޝާޕްގެ ސައްތަ އިން ސައްތަ ކުންފުންޏެކެވެ.
ޓޮޝިބާ އިން އެންމެ ފުރަތަމަ ކޮމްޕިޓަރު އުފެއްދީ 1985 ގަ އެވެ. ޑައިނަބުކް ހާއްސައީ ލެޕްޓޮޕަށެވެ.
ޖަޕާނުގެ އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޓޮޝިބާއަކީ 1990-2000 އާ ހަމައަށް ކޮމްޕިއުޓަރު އުފެއްދުމުގެ ވިޔަފާރީގައި އެންމެ ނަގާކިޔާ އެއް ކުންފުންޏެވެ. ނަމަވެސް މާކެޓަށް ނުކުތް އެ މަސައްކަތްކުރާ ކުންފުނިތައް ފަހުން އިތުރުވެ، ވާދަވެރިކަން ބޮޑުވެ، އުފެއްދުންތަކުގެ ފެންވަރު މަތިވާން ފެށުމުން ޓޮޝިބާގެ ކޮމްޕިއުޓަރަށ އޮޑް ޑިމާންޑް ވަރަށް ބޮޑު ތަނުން ވެއްޓިފައިވެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރާ ހަމައަށް އައި އިރު ޓޮޝިބާގެ 17.7 މިލިއަން ކޮމްޕިއުޓަރު ވިކުނު ނަމަވެސް މީގެ ތިން އަހަރު ކުރިން އެ ނިސްބަތް ވަނީ 1.4 މިލިއަނަށް ވެއްޓިފަ އެވެ.