މަހިބަދޫން ކޮވިޑް ޕޮޒިޓިވްވި މީހާގެ ދެ ވަނަ ސާމްޕަލް ނެގެޓިވް
މަހިބަދޫން ކޮވިޑް ޕޮޒިޓިވްވި މީހާގެ ދެ ވަނަ ސާމްޕަލް ނެގެޓިވް

އދ. މަހިބަދޫއިން މާލެ ގެނެސް ކޮވިޑް-19 އަށް ޓެސްޓުކުރި އިރު ޕޮޒިޓިވްވި، އުމުރުން ދުވަސްވީ މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވްވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "މިހާރު" އަށް ވިދާޅުވީ ރަށްރަށުގައި ވެސް މިހާރު ބަލިފެތުރެމުން ދާތީ މަހިބަދޫން މާލެ ގެނައި 80 އަހަރުގެ ފިރިހެން މީހާގެ ދެ ވަނަ ޓެސްޓެއް ހެދީ އެ މީހާ އަކީ ބަލި ފެތުރިފައި ނެތް ރަަށަކުން އައި މީހެއް ކަމަށް ވާތީ ކަމަށެވެ.

ތަސްލީމާ ވިދާޅުވީ މިހާރު ރަށްރަށުގައި ބަލި ފެތުރެން ފަށާފައިވާތީ، ރަށްރަށުން އަންނަ ކޭސްތަކާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ހޯމް ކަރަންޓީނަށްދާ އެންމެން އަމަލުކުރަނީ ވެސް ރަނގަޅަކަށް ނޫން. އެހެންވެ ރަށްރަށުގަ މިހާރު ބަލި އޮތްކަން އެބަ ޖެހޭ ގަބޫލުކުރަން. އެހެންވެ އަންނަ ހުރިހާ އެންމެން ދެ ފަހަރު ޓެސްޓެއް ނުކުރެވޭނެ. މި ކޭސް [ޓެސްޓް] މި ކުރީ އެއީ އެއްވެސް ވަރަކަށް ބަލި ނެތް ސަރަހައްދެއްވީމަ،" އޭނާ ވިދާޅުވި އެވެ.

މަހިބަދޫން ޕޮޒިޓިވްވީ ބަނޑުގައި ރިއްސައި ހަށިގަނޑު ރީނދޫ ވެގެން ފަރުވާ އަށް މާލެ ގެނައި މީހެކެވެ. އެ މީހާ ހުކުރު ދުވަހު މާލެ ގެނެސް ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްކަން އެނގުނީ ހޮނިހިރު ދުވަހު އެވެ.

ހޯމް ކަރަންޓީނަށް ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން އެތައް ބަޔަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި މިހާރު ވަނީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފެސިލިޓީތައް ހަދައި ބޭނުންކުރަން ފަށައިފަ އެވެ. އެއީ ށ. ފުނަދު އާއި ބ. އޭދަފުއްޓާއި ލ. ގަމާއި ގއ. ވިލިނގިލީގެ އިތުރުން އައްޑޫގަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5،041 އަށް އަރައިފަ އެވެ. މިހާރު ފަރުވާދެމުން އަންނަނީ 2،218 މީހުންނަށެވެ. ބަލި ޖެހުނު 2،804 މީހުން ރަނގަޅުވެފައިވާއިރު 19 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.