10 އޯގަސްޓް 2020 - 12:00

ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ހާލަތުގެ ނާޖާއިޒު ފައިދާ ސިޔާސީ ގޮތުން ނަގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ނާގާބިލްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައްކަން އެމަނިކުފާނުގެ ކޯލިޝަން ސަރުކާރުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރައްވައިފި އެވެ.

ބަލިމަޑުކަން ކޮންޓްރޯލް ކުރަން ހެލްތުން އަޅާފައިވާ ފިޔަވަޅުތަކާއި ކުރިއަށް ރާވާފައި ހުރި ކަންކަމާ ގުޅޭ ގޮތުން މަޖިލީހުން ހިޔާލު ހޯދަން ހުޅުވާލާފައި ވަނިކޮށް ސަންގު ޓީވީގައި ޝިޔާމް ވިދާޅުވީ އަމީންގެ ގޯސްތައް ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ވަޒީރަކު ހެލްތަށް ހަމަޖެއްސެވުމަށް ކަމުގެ ތުހުމަތު ކުރެއްވި އެވެ.
އަމީން ވަޒީރު ކަމަށް ހަމަޖެއްސެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
"ސިއްހީ ވުޒާރާގައި މިހާރު އެ ހުންނެވި ބޭފުޅަކީ އެހެން ހުރިހާ ވަޒީރުން ހިމެނޭ ގޮތަށް ޕާފޯމަންސް ރިޕޯޓެއް ދޭ ކަމަށް ވަންޏާ އެހެން ހުރިހާ ވަޒީރުންނަށް ދޭނީ ޔޫ. އެކަމަކު ހެލްތު މިނިސްޓަރަށް އަޅުގަނޑު ދޭނަން ޑީ. އެއީ އަޅުގަނޑުމެންނަށް މި ފެންނަނީ ހުރިހާ ވުޒާރާތަކެއް ފެއިލް. ކިރިޔާ ވެސް ރަނގަޅަށް މަސައްކަތް ކުރާ ތަން މި ފެންނަނީ ހެލްތު މިނިސްޓްރީ،" ޝިޔާމް ވިދާޅުވި އެވެ.
ޕްރޮކިއުމެންޓުގެ ގިނަ މަސައްކަތް ހެލްތު މިނިސްޓްރީގައި މި ދުވަސްވަރު ކުރިއަށްދާތީ، ޝިޔާމް ވިދާޅުވި ގޮތުގައި، ހުރިހާ ވަޒީރުން ވެސް އޭގެތެރެއަށް ވަންނަން ބޭނުންވެ އެވެ. ދެން ކުރެއްވީ މި ކަންކަމުގެ ތެރޭގައި، ބީލަމަށް ނުލައި ވަކި ކުންފުނިތަކަކަށް ސާމާނު ގަތުމަށް ހަވާލުކޮށް ކޮރަޕްޝަން ހިންގަމުންދާ ކަމުގެ ތުހުމަތެވެ.
ޝިޔާމް ވިދާޅުވީ އާއްމުންގެ ތެރޭގައި ބަލި ފެތުރި ޕޮޒިޓިވްވާ އަދަދު އަދިވެސް މަތިވަމުންދާ އިރު، ސަރުކާރުން މިކަން ކޮންޓްރޯލްކުރުމުގައި އަމަލުކުރަމުންދާ ގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ކޮވިޑުގެ ހާލަތު ގޯސްވިޔަ ނުދޭން ގައުމުތަކުގެ ލީޑަރުން އިސް ނަންގަވައި ވިޔަފާރިތައް ސަލާމްތަކުރުމާ އެކު ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާއިރު ރާއްޖެ އިން ފެންނަނީ އެ މަންޒަރެއް ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ކުޑަ ގައުމުގައި އެކަށިގެންވާ ރަނގަޅު ފިޔަވަޅުތަކެއް ނޭޅި އެތައް ބައެއްގެ ވަޒީފާ ގެއްލި ގިނަ ބަޔަކު ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ ވަރަށް ބޮޑެތި ފެއިލިއާސްތައް. ވަކިން ޚާއްސަކޮށް ސިއްހީ ވުޒާރާގެ ފޭލްވެފައިވާތަން. ދެން ސިއްހީ ވުޒާރާ ފޭލް މިވަނީ ކީއްވެގެންތޯ؟ އަދި ސިއްހީ ވުޒާރާގެ ފެއިލިއާ މިވަރަށް ސަރުކާރުގެ ތެރެއިން ބަޔަކު ދައްކަން މި އުޅެނީ ކީއްވެގެންތޯ. އެއީ ވެސް މިއަދު އުފެދޭ ސުވާލެއް،" ސަންގު ޓީވީގައި ޝިޔާމް ވިދާޅުވި އެވެ.
"ކޮރަޕްޝަން މީގެތެރޭގައި އިންތިހާ އަށް އެބައޮތް. ހެލްތު މިނިސްޓްރީގައި އޮތް ވާހަކައެއް ނޫން މި ދަންނަވަނީ. މި ޕެންޑެމިކްގެ އެޑްވާންޓޭޖް އެބަ ނަގާ، ރޯމާދުވާލު އެބަ ވައްކަން ކުރޭ. ތި ވިދާޅުވިހެން ބައެއް އިކުއިޕްމެންޓްސް ބައެއް ކަހަލަ މެޝިނަރީޒް، މިސާލަކަށް ވެންޓިލޭޓާސް، ފަދަ ސާމާނު ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން އެބަ ކުރިއަށް ގެންދާތަން މި ފެންނަނީ."
ވަކި ކުންފުނިތަކެއް ހޮވައި ސާމާނު ގަންނަން ހަވާލުކުރާ އިރު އެ ތަކެތި ރާއްޖެ ގެންނަ ކަމާ މެދު ޝިޔާމް ސުވާލު އުފެއްދެވި އެވެ. އެ ތުހުމަތަށް ބާރު ދެއްވަމުން ވިދާޅުވީ އަތޮޅުތަކުގައި ރައްޔިތުން ބޭނުންކުރާނެ މާސްކްތައް ވެސް ބޭނުންވާ ވަރަށް އަދިވެސް ނުލިބޭ ކަމަށެވެ. ކޮވިޑުގެ ބަލިމަޑުކަމުގައި ހަ މަސް ވިއިރު އަތޮޅުތަކަށް ސިއްހީ ސާމާނާއި މާސްކް ފަދަ ތަކެތި ހަދިޔާކުރަނީ ވިޔަފާރިވެރިއެއް ނުވަތަ ހެޔޮއެދޭ މީހަކު ކަމަށް ވިދާޅުވި އެވެ.
"ގައުމުތަކުގެ އެހީ، ހިލޭ އެހީ ވަަރަށް ގިނައިން ލިބިއްޖެ. ލާރިވެސް އެވަރަށް ލިބޭ. މާސްކް އަޅަން މަޖުބޫރުކޮށްފައިވާ އިރު ކީއްހޭ ވާނީ، ރައްޔިތުންނަށް ހިލޭ މާސްކް ބެހިއްޔާ، އެވަރު ވެސް ކޮށްނުލެވޭ ވާހަކަ މި ދަންނަވަނީ،" ޝިޔާމް ވިދާޅުވި އެވެ.