24 އޮކްޓޯބަރ 2016 - 18:01

އީ ކައުންސިލް ސޮފްޓްވެއާ އަށް ބޭނުންވާ މައުލޫމާތު ބަދަލު ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެލްޖީއޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ތަނުގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ސޮއިކުރެއްވިއިރު، ޑީއެންއާރުން ސޮއިކުރެއްވީ ޑިރެކްޓަރު ފާތުމަތު ފަރީދާ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އަޒްލީން ވިދާޅުވި ގޮތުގައި މިއީ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވީހާ ވެސް ގާތުން ހިދުމަތް ދީ، އެލްޖީއޭގެ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ވެވުނު އެއްބަސްވުމެކެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރަށްރަށުގައި ދެވޭ ހިދުމަތްތައް ކާމިޔާބުކަމާ އެކު އެލްޖީއޭ މެދުވެރިކޮށް ދިނުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ މި އެއްބަސްވުމާ އެކު، އުފަންވާ ކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓްތަކުގެ ނަންބަރު ޖެނެރޭޓްކޮށް، އުފަންވުމަށް ފަހު ކޮންމެވެސް އެއް ރަށެއްގައި ރަޖިސްޓްރީވެގެން އެ މައުލޫމާތު ވަގުތުން ޑީއެންއާރަށާއި ކައުންސިލްތަކަށް ފެންނަ ނިޒާމެއްގެ ތެރެއިން ސޮފްޓްވެއާ ތައްޔާރުކޮށް ހިދުމަތް ދެވޭނެ ކަމަށެވެ.
"އީ ކައުންސިލްގެ ތެރެއިން ކަންކަން ކުރެވި ލާމަރުކަޒީ ނިޒާމު ހަރުދަނާ ވާނެ،" އަޒްލީން ވިދާޅުވި އެވެ.
ޑީއެންއާރުގެ ޑިރެކްޓަރު ފަރީދާ ވިދާޅުވީ ރަށްރަށުން މައުލޫމާތު ލިބެނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރާ މަސައްކަތުން ކަމަށެވެ. ރައްޔިތުންނަށް ވީހާ ވެސް އަވަހަކަށް ހިދުމަތް ދިނުމަށް ބޭނުންވާއިރު އެ ފުރުސަތު މިހާރު އޮތް ގޮތުން ވަރަށް ކުޑަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓެކްނޮލޮޖީގެ ޒަރިއްޔާ އިން މަސައްކަތް ކުރާ ނަމަ، ހިދުމަތް ހޯދަން އަންނަ މީހާ އަށް ހިދުމަތް ލިބުމުގައި އަވަސް ވެ، ފުރިހަމަވާނެ،" ފަރީދާ ވިދާޅުވި އެވެ.