ސީއެސްސީއަށް 41 މީހަކު ކުރިމަތިލައިފި
ސީއެސްސީއަށް 41 މީހަކު ކުރިމަތިލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް 41 މީހަކު ކުރިމަތިލާފައިވާ ކަމަށް މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސީއެސްސީއަށް ކުރިމަތިލި މީހުންގެ ނަންތައް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުއްވުމަށް ފަހު ނަޝީދު ވިދާޅުވީ އެ މަގާމުތަކަށް ހުޅުވާލުމުން ވަރަށް ފުރިހަމަ އިޖާބައެއް ލިބުނު ކަމަށެވެ. ކުރިމަތިލި 41 މީހުންގެ ނަންތައް މިއަދުގެ ޖަލްސާގައި އަމީންއާއްމު ވަނީ އިއުލާން ކުރައްވައިފަ އެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހަށެވެ. ކުރިމަތި ލުމަށް ފުރަތަމަ އިއުލާން ކުރި މުއްދަތު މަޖިލީހުން އެއްފަހަރު ވަނީ އިތުރު ވެސް ކޮށްފަ އެވެ.

ސީއެސްސީ އަށް މެމްބަރުން އައްޔަނު ކުރާނީ ރައްޔިތުންގެ މަޖިލީހުން، ކުރިމަތިލާ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން ނިންމުމުން، ހަމަ އެ ދުވަހު އެ ކޮމިޝަނުގެ ތިން މެމްބަރުން އިސްތިއުފާ ދެއްވި އެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން ހިމެނެ އެވެ. އިސްތިއުފާ ނުދެއްވުމުން، މަޖިލިހުން ވަކިކުރީ މެމްބަރު އިބްރާހިމް ޝަހީގު އެވެ.

މެމްބަރުންނާއި ވަކިކުރި މެމްބަރުގެ އިތުރުން މި ސަރުކާރުގައި 2018 ގައި އެ ކޮމިޝަނަށް އައްޔަންކުރި މެމްބަރު ފާތިމަތު އާމިރާ ވަކިކުރަން ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ފާހެއް ނުވި އެވެ. އެހެންކަމުން ސީއެސްސީގެ މެމްބަރުކަމުގައި މި ވަގުތު ހުންނެވީ އާމިރާ އެކަންޏެވެ.