އެތުލެޓިކޯ އިން ކޮވިޑުގެ ދެ ކޭސް
އެތުލެޓިކޯ އިން ކޮވިޑުގެ ދެ ކޭސް

މެޑްރިޑް (އޮގަސްޓް 10) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅެން ޕޯޗުގަލް އަށް ފުރުމުގެ ކުރިން ހެދި ޓެސްޓްތަކުން އެތުލެޓިކޯ މެޑްރިޑްގެ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ސެންޓްރަލައިޒްކޮށް ޕޯޗުގަލްގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު މެޗުތައް ބާއްވަން ނިންމާފައިވާއިރު ބުރާސްފަތި ދުވަހު ކުޅެން ރާވާފައި އޮތް ފުރަތަމަ ކުއާޓާގައި ޖަރުމަނުގެ އާރްބީ ލިޕްޒިގާ ދެކޮޅަށް ކުޅެން އޮތީ އެތުލެޓިކޯ އެވެ. އެކަމަކު އިއްޔެ ފްރޮޓޮކޯލްގެ ތެރެއިން ކުރި ކޮވިޑް-19ގެ ޓެސްޓްތަކުން އެތުލެޓިކޯގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ތެރެއިން ދެ މީހަކު ވައިރަހަށް ޕޮޒިޓިވްވުމުން މުބާރާތުގެ ޝެޑިއުލަށް ބަދަލެއް އަތުވެދާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން އެތުލެޓިކޯގެ މެޗު ކުއާޓާގެ އެންމެ ފަހު މެޗަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުންގެ ނަން ހާމަނުކުރި ނަމަވެސް އެތުލެޓިކޯ އިން ބުނީ އެ ދެ މީހުން މިހާރު ވަނީ ހޯމް އައިސޮލޭޝަން އަށް ބަދަލުކޮށްފައި ކަމަށާއި ވަރަށް އަވަހަށް އަދި އެއް ފަހަރު ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ޓެސްޓްކުރާނެ ކަމަށެވެ. އެތުލެޓިކޯ އިން އަންނަނީ މިކަމާ ބެހޭގޮތުން ޔުއެފާ އާއި ސްޕެއިނުގެ ސިއްހީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރަމުންނެވެ.

"އަހަރެމެންގެ އާ ޝެޑިއުލް ކަންތައްތައް ޔުއެފާއާ މަޝްވަރާކޮށްގެން ކުރިއަށްދިއުމަށް ވިސްނާފައި އޮތީ ކަންތައްތައް ފައިނަލްވިހާ އަވަހަކަށް މައުލޫމާތު ހިއްސާކުރެވޭނެ،" ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެތުލެޓިކޯގެ އޮފިޝަލަކު ބުންޏެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެތުލެޓިކޯ އިން ޕޮޒިޓިވްވީ އެ ޓީމުގެ ގޯލްކީޕަރު ސްލޮވީނިއާގެ ޔެން އޮބްލަކް އާއި އިނގިރޭސި ފުލްބެކް ކިއެރަން ޓްރިޕިއޭ އެވެ. ކުރިން ހަމަޖެހިފައި އޮތްގޮތުން މިއަދު އެތުލެޓިކޯ އިން ޕޯޗުގަލް އަށް ފުރާނެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އެންމެ އަވަހަށް ވެސް ދެން އެ ޓީމަށް ފުރެން އޮތީ މާދަމާ އެވެ.

އެތުލެޓިކޯ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަތުން މޮޅުވެގެންނެވެ. އެތުލެޓިކޯ އާއި ލިވަޕޫލްގެ ދެ ލެގުގެ ކުޅުން ނިމުނީ ވެސް ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ މެޗުތައް މެދުކަނޑާލުމުގެ ކުރިންނެވެ.

ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރުކޮށްގެން ނުކުޅެވޭނެތީވެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް އޮންނާނީ އެއް ލެގުގެ އުސޫލުން ލިޒްބަންގަ އެވެ. މިހާރު އޮތްގޮތުން މުބާރާތުގެ ފައިނަލް މެޗު ކުޅެން ނިންމާފައިވާ ތާރީހަކީ މި މަހު 23 އެވެ.