ކޮވިޑް-19: 143 މީހުން ޕޮޒިޓިވްވެ، 13 މީހުން ރަނގަޅުވެއްޖެ
ކޮވިޑް-19: 143 މީހުން ޕޮޒިޓިވްވެ، 13 މީހުން ރަނގަޅުވެއްޖެ

މިރޭ އިރުއޮއްސުމާ ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭން ކޮވިޑް-19އަށް 143 މީހުން ޕޮޒިޓިވްވިއިރު 13 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް، ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ އާއްމު ކުރި ތަފާސްހިސާބުތަކުން ބުނާގޮތުން މިއަދު ވެސް އެންމެ ގިނައިން ޕޮޒިޓިވްވީ ދިވެހީންނެވެ. އެއީ 107 މީހުންނެވެ. މިއަދު ބަލްގްލަދޭޝްގެ 28 މީހުން ޕޮޒިޓިވްވި އިރު އިންޑިއާގެ ހަ މީހުންނާއި ނޭޕާލްގެ ދެ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ރާއްޖޭން ޕޮޒިޓިވްވީ 129 މީހުންނެވެ.

އެއާއެކު ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5,041 އަށް އަރައިފަ އެވެ. އޭގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 2،218 އެވެ. ކޮވިޑް-19 ގައި ރާއްޖޭން 19 މީހަކު ވަނީ މަރުވެފަ އެވެ.

މާލެ ފިޔަވާ މީހުން ދިރިއުޅޭ 13 ރަށަކާއި އަށް ރިސޯޓްތަކުން ވެސް މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ އަށް ރިސޯޓުން ހަ ޓޫރިސްޓުންނާއި ނުވަ މުވައްޒަފުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެއީ ރެއާ ހަމައަށް ވެސް އެ އަދަދުތައް ހުރި ވަރެވެ.

މިމަހުން ފެށިގެން ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އާއްމުކޮށް އުޅެނީ 100 އިން މަތީގަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް އިތުރަށް ދަނީ ހަރުކަށި ކުރަމުންނެވެ.