އެމެރިކާގެ ކޮންމެ 66 މީހުންގެ ތެރޭން އެކަކަށް ބަލިޖެހިއްޖެ
އެމެރިކާގެ ކޮންމެ 66 މީހުންގެ ތެރޭން އެކަކަށް ބަލިޖެހިއްޖެ

ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 10) - އެމެރިކާގައި ރެކޯޑް އަދަދަކަށް ކޮރޯނާވައިރަހަށް މީހުން ޕޮޒިޓިވްވި އިރު އެ ގައުމުގެ ކޮންމެ 66 މީހުންގެ ތެރޭން އެކަކަށް ބަލިޖެހިއްޖެ އެވެ.

އެމެރިކާގައި މިހާތަނަށް ވަނީ 5,199,444 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 165,617 މީހުން މަރުވެފަ އެވެ. އެ ގައުމުން ބަލިން ރަނގަޅުވެފައި ވަނީ 2,664,701 މީހުންނެވެ. މި ވަގުތު ބަލި މީހުންގެ ގޮތުގައި ތިބީ 2,369,126 މީހުންނެވެ. ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ބްރެޒިލުން ޕޮޒިޓިވްވެފައި ވަނީ ތިން މިލިއަން މީހުންނެވެ.

އެމެރިކާގައި ރެކޯޑް އަދަދަކަށް މީހުންނަށް ބަލި ޖެހުނު ނަމަވެސް ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ އެމެރިކާގެ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ ވަނީ މި އަހަރު ނިމުމުގެ ކުރިން ވެކްސިނެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވިދާޅުވެފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ނޮވެމްބަރު 3 ވަނަ ދުވަހުގެ ކުރިން ވެކްސިނެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ. ނޮވެމްބަރު 3 އަކީ އެމެރިކާގައި ރިޔާސީ އިންތިޚާބު ބާއްވާ ދުވަހެވެ.

ކޮރޯނާވައިރަހުގެ ސަބަބުން އިގްތިސާދީ ގޮތުން ގެއްލުން ލިބުނު މީހުންނަށް މާލީ އެހީ ދިނުމާ މެދު ކޮންގްރެސް އާއި ވައިޓް ހައުސް އަށް އެއްބަސްވުމަކަށް ނާދެވުމުން ޓްރަމްޕް ވަނީ އެ އެހީ ދިނުމަށް އެގްޒެކެޓިވް އަމުރެއްގައި ސޮއި ކުރައްވައިފަ އެވެ.

މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 20 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 734,025 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 12.9 މިލިއަން މީހުންނެވެ.