ބޮޑުވަޒީރުކަމުގެ ހުވާ ރާޖަޕަކްސާ ހަތަރު ވަނަ ފަހަރަށް ކުރައްވައިފި
ބޮޑުވަޒީރުކަމުގެ ހުވާ ރާޖަޕަކްސާ ހަތަރު ވަނަ ފަހަރަށް ކުރައްވައިފި

ކޮލަމްބޯ (އޮގަސްޓް 9) - މިދިޔަ ބުދަ ދުވަހު ލަންކާގައި ބޭއްވި އާއްމު އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ލިބުމާ އެކު ބޮޑުވަޒީރުކަމުގެ ހުވާ ހަތަރު ވަނަ ފަހަރަށް މަހިންދާ ރާޖަޕަކްސާ މިއަދު ކުރައްވައިފި އެވެ.

ބޮޑުވަޒީރުކަމުގެ ހުވާ ރާޖަޕަކްސާ ހަތަރު ވަނަ ފަހަރަށް ކުރައްވައިފި
ބޮޑުވަޒީރުކަމުގެ ހުވާ ރާޖަޕަކްސާ ހަތަރު ވަނަ ފަހަރަށް ކުރައްވައިފި

ބޮޑުވަޒީރު ކަމުގެ ހުވާ ރާޖަޕަކްސާ ކުރެއްވީ، ކޮއްކޯފުޅު އަދި ރައީސް ގޯޓާބޭ ރާޖަޕަކްސާގެ ކުރިފުޅުމަތީގައި، ބުޑިސްޓް ފައްޅިއެއްގަ އެވެ.

ރާޖަޕަކްސާ ވަނީ ލަންކާގެ ރައީސްކަމުގެ މަގާމު 2005 އިން 2015 އަށް ކުރައްވައިފަ އެވެ. ސިންހަޅައިންގެ މެދުގައި ރާޖަޕަކްސާގެ މަގްބޫލްކަން ބޮޑުވެފައި ވަނީ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ލަންކާގައި 25 އަހަރުވަންދެން ކުރި ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައުމުންނެވެ.

ބޮޑުވަޒީރުކަމުގެ މަގާމަށް ރާޖަޕަކްސާ ފުރަތަމަ އިސްކޮށްފައި ވަނީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން 2018 އަދި 2019 ގައި ވެސް ވަނީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.

ރާޖަޕަކްސާގެ ދެބެންގެ ސްރީ ލަންކާ ޕޮޑުޖުނާ ޕެރަމުނާ (އެސްއެލްޕީޕީ) ވަނީ އާއްމު އިންތިޚާބުގައި 145 ގޮނޑި ހޯދައިފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ހޯދީ ކުރީގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަދާސަގެ އެސްޖޭބީންނެވެ. އެ ޕާޓީން ވަނީ 54 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ރާޖަޕަކްސާ އަށް ތާއީދުކުރާ އިތުރު ފަސް މެންބަރުންނާ އެކު އެސްއެލްޕީޕީ ވަނީ 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. ރާޖަޕަކްސާ އާއިލާގެ ފަސް މެންބަރަކު ވެސް ވަނީ ޕާލަމެންޓަށް އިންތިޚާބުވެފަ އެވެ. އޭގެ ތެރޭގައި ރާޖަޕަކްސާގެ ދަރިކަލުން ނާމަލް ހިމެނެ އެވެ. ބެލެވޭ ގޮތުގައި އެސްއެލްޕީޕީން ވަނީ ގާނޫނު އަސާސީ އަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފަ އެވެ.