09 އޯގަސްޓް 2020 - 18:30

ކްރިމިނަލް ކޯޓަށް ހޯދަން އިއުލާން ކޮށްފައިވާ ފަނޑިޔާރުންގެ އަދަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ދޭކަށް އިތުރުކޮށްފި އެވެ.
އެ ކޯޓަށް ފަނޑިޔާރަކު ހޯދަން މިދިޔަ ބުރާސްފަތި ދުވަހު ޖޭއެސްސީން ވަނީ އިއުލާން ކޮށްފަ އެވެ.
ނަމަވެސް އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކްރިމިނަލް ކޯޓަށް ބޭނުންވާ ފަނޑިޔާރުންގެ އަދަދު ދޭކަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެ ކޯޓުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވާތީ އެ ދެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވައިލާފައިވާ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.
އެ ދެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އީމެއިލް މެެދުވެރިކޮށް ޖޭއެސްސީ އަށް ހުށަހެޅުމަށް އެ ކޮމިޝަނުން އެދެ އެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފަސްޓް ޑިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ. އެހެން ބައެއް ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 25 އަހަރު ވެފައިވާ ދިވެއްސަކަށް ވުމާއި ގާޒީ ކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަމުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައި ވުމެވެ.
ސަސްޕެންޑްކޮށް، މައްސަލައެއް ބަލަން ޖޭއެސްސީން ފެށުމާއެކު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވައިފަ އެވެ. އެ ކޯޓުގެ ގާޒީ ކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމުމުން ގާޒީ ހަސަން ނަޖީބު ވެސް ވަނީ މިދިޔަ ޖޫން މަހު އިސްތިއުފާ ދެއްވައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000 އަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ.