09 އޯގަސްޓް 2020 - 11:59

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރު ކަމުން ވަކިކުރަން ނިންމާފައި ނިންމުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ ރިޝްވަތާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގަ އެވެ. އެ މައްސަލަތަކާ ގުޅިގެން އޭނާ ހުންނެވީ ވެސް ސަސްޕެންޑްކޮށްފަ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ މައުސޫމް ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމާފައި ވަނީ އެ ކޮމިޝަންގެ ގާނޫނާއި އިޖްރާއާތުތަކާ އެއްގޮތަށް ކަމަށެވެ. އެފަދަ މައްސަލަތަކުގައި ކޮމިޓީން ބަލަނީ ޖޭއެސްސީން އިޖްރާއާތުތައް ފުރިހަމަ ކުރިތޯ ނުވަތަ ނޫންތޯ އެވެ.
އެހެންވެ، މައުސޫމް ވަކި ކުރުމާ މެދު ދެން ގޮތެއް ނިންމާނީި މަޖިލީހުގެ ޖަލްސާއިންނެވެ.
ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިިނާކޮށް، މަޖިލީހުގެ ޖަލްސާގައި ހާޒިރުވާ މެމްބަރުންގެ ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.
އެކި ތުހުމަތުުތަކާ ގުޅިގެން މީގެ ކުރިން ވެސް ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވި އެވެ. މަޖިލީހުން ގޮތެއް ނުނިމެނީސް، އޭގެ ތެރެއިން ގިނަ ބޭފުޅުން އިސްތިއުފާ ދެއްވިއިރު ދެން ތިއްބެވި ބޭފުޅުން މަޖިލީހުން ވަނީ ވަކިކޮށްފަ އެވެ.