09 އޯގަސްޓް 2020 - 11:23

އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލު ކުރާނެ ޑިރެކްޓަރުން ހޯދަން އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
އެމްޓީސީސީގެ ހިންގާ ގަވާއިދުގެ 63 ވަނަ މާއްދާގައިވާ ގޮތުން ކުންފުނީގެ މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލައި ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން އިންތިހާބުކުރަންޖެހެ އެވެ. މި ދެ ޑިރެކްޓަރުން އިންތިހާބުކުރުން މި އަހަރު ބާއްވާ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އޮންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ މީހުންނަކީ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ 73 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވާ މީހަކަށް ވާންޖެހޭނެ އެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕޮރޭޓް ގަވަނަންސް ކޯޑުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ އެވެ. މީގެ އިތުރުން އެ އޮތޯރިޓީގެ ފިޓް އެންޑް ޕްރޮޕާ މިންގަނޑުތަކުގެ ގައިޑްލައިނަށް ފެތެން ޖެހޭނެ އެވެ.
ކުންފުނީގެ ހިންގާ ގަވާއިދުގެ 69 ވަނަ މާއްދާގައިވާ ގޮތުން 2019 ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރާ ޑިރެކްޓަރުންގެ މުއްދަތަކީ 2019 ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހުން 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހަށެވެ.
މީގެ އިތުރުން ކުންފުނީގެ އެއްވެސް މުވައްޒަފަކަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރަށް ކުރިމަތިލުމަށް މި މަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވައިލައިފަ އެވެ.
އެމްޓީސީސީ އަކީ ސަރުކާރުގެ 64 ޕަސެންޓާއި އާންމު ހިއްސާދާރުންގެ 31 ޕަސެންޓް އަދި އެމްއެންއެސްއެލްގެ 4.6 ޕަސެންޓް ހިއްސާ ހިމެނޭ ކުންފުންޏެކެވެ.