ބަޔާން އަތުން ބަލިވުން: ޗެލްސީ އަށް ފިލާވަޅެއް
ބަޔާން އަތުން ބަލިވުން: ޗެލްސީ އަށް ފިލާވަޅެއް

ލަންޑަން (އޮގަސްޓް 9) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 4-1 އިން ބަލިވި މެޗުން ފިލާވަޅު ނަގާނެ ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

އަމިއްލަ ދަނޑުގައި ފުރަތަމަ ލެގުން 3-0 އިން ބަލިވެފައި އޮއްވާ ރޭ 4-1 އިން ބަލިވުމުން ޗެލްސީ ކެޓީ 7-1 ގެ ތަފާތު ބޮޑު އެގްރިގޭޓަކުންނެވެ.

"އަހަރެމެންގެ ވަރަށް ގިނަ ކުޅުންތެރިންގެ ފުރަތަމަ ސީޒަނުގައި، ބަޔާން މިއުނިކާ ދެކޮޅަށް ނުކުމެ އެ ޓީމުގެ ޗެމްޕިއަންސް ލީގުގެ ތަޖުރިބާއާ އެކު ވާދަކުރުމަކީ އަހަރެމެންނަށް ރަނގަޅު މަސައްކަތެއް،" ލަމްޕާޑް ބުންޏެވެ.

ޗެލްސީން ރޭގެ މެޗަށް ނުކުތީ އަނިޔާގައި ތިބި ކްރިސްޓިއަން ޕުލިސިޗް އާއި ސެސާ އަޒްޕިލިކުއެޓާ އާއި ޕެޑްރޯ އާދި ވިލިއަން އަދި ސަސްޕެންޝަނުގައި ތިބި ޖޯޖީނިއޯ އާއި މާކޮސް އަލޮންސޯ ނެތި އެވެ.

"އަހަންނަށް އެބަފެނޭ އަހަރެމެން ދާން ބޭނުންވާ މަންޒިލް. އަހަންނަށް އެނގޭ މި ޓީމު އެނބުރި އަންނާނެކަން. އަހަރެމެންގެ ކުޅުންތެރިން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުގެ އަދަދާ އެ ޓީމުގެ އަދަދާ އަޅާކިޔުމުން، އަހަންނަށް ވަރަށް ރަނގަޅު ކަންކަން ފެނުނު. އަދި ގޯސްތަކެއް ވެސް ފެނުނު މުޅި ސީޒަނުގައި ވެސް ފެނުނު ފަދަ،" ލަމްޕާޑް ބުންޏެވެ.

އޭނާ ބުނީ ކުރީކޮޅު ދެ ލަނޑު ވަނުމުން އުނދަގޫވި ކަމަށާއި ނަތީޖާ އިން މެޗުގެ ކުޅުން އެއްކޮށް ސާފުނުވާނެ ކަމަށެވެ. އެކަމަކު ބަޔާނަށް އިހުތިރާމްކުރާ ކަމަށާއި މިއީ އެ ޓީމަށް ހައްގު މޮޅެއް ކަމަށް އޭނާ ބުންޏެވެ.

ލަމްޕާޑަކީ ޗެލްސީން 2012 ވަނަ އަހަރު މިއުނިކުގައި ބަޔާން ބަލިކޮށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު ކެޕްޓަނެވެ. އޭނާ ބުނީ ފޭވަރިޓުންގެ ތެރޭ ހިމެނުން ބަޔާނަށް ހައްގު ކަމަށެވެ.

"އެ ޓީމުގައި ވަރަށް ތަޖުރިބާ އެބަހުރި. އަދި މި މުބާރާތް ކާމިޔާބުކުރާނެ ގޮތް އެނގޭނެ. އެއީ ފޭވަރިޓެއް،" ލަމްޕާޑް ބުންޏެވެ.