10 އޯގަސްޓް 2020 - 06:44

އަންނަ މަހުގެ ތެރޭގައި ގެނެސްދޭން ފަށާނެ ކަމަށް ބެލެވޭ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ގެ ފުރަތަމަ ޕްރޮމޯ ސަލްމާން ޚާނާ އެކު ދައްކާލައިފި އެވެ.
ޕްރޮމޯ ގެނެސްދީފައި ވަނީ ލޮކްޑައުންއާ އެކު ސަލްމާން ވަގުތު ހޭދަކުރަމުން އަންނަ ޕާންވޭލް ފާމްހައުސްގައި ދަނޑުވެރިކަން ކުރަނިކޮށް ނަގާފައިވާ ބައެެއް މަންޒަރުތަކާ އެކީގަ އެވެ. ފަސްގަނޑު ޖަހާ ތަނާއި ހަނޑޫ އިންދާ މަންޒަރު ޕްރޮމޯގައި ހިމަނާފައިވެ އެވެ. އަމިއްލަ ފާމްހައުސްގައި ދަނޑުވެރިކަން ކުރަމުން އަންނަ ވާހަކަ ސަލްމާން މިދިޔަ މަހު ފޮޓޯތަކާއި ވީޑިއޯތަކާ އެކު ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
"ބިގް ބޮސް" ގެ މި ފަހަރުގެ ތީމަކީ ޖަންގަލި ކަމަށްވެ އެވެ. އެއަށް ބާރު ލިއްބައިދެނީ ދަނޑުވެރިކަންކުރާ މަންޒަރުތަކާ އެކު ފުރަތަމަ ޕްރޮމޯ ވެސް ގެނެސްދިނުމުންނެވެ.
މި ފަހަރުގެ ސީޒަން ފަށާނެ އިރެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަންނަ މަހުގެ 27 ގައި ޝޯ ފެށުމުގެ ފުރުސަތު ބޮޑެވެ. އާންމުކޮށް ވެސް "ބިގް ބޮސް" އަކީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެނެސްދޭން ފަށާ ޝޯއެކެވެ.
މިއީ ބައިވެރިންތަކެއް ތިން މަސް ދުވަހަށް ގެއެއްގެ ތެރޭގައި ބައިތިއްބައިގެން ގެނެސްދޭ ޝޯއެކެވެ. މި ފަހަރުގެ ޝޯއިން ކުރީގެ ޝޯތަކާ ހިލާފަށް ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ޝޯ ގެނެސްދެނީ ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށްވާތީ ގައިދުރުކުރަން ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭތީ އެވެ.
"ބިގް ބޮސް" އަކީ އާންމުކޮށް މަޝްހޫރު ސެލެބްރިޓީންނާ އެކު ގެނެސްދޭ ޝޯއެކެވެ. އޭގެ ތެރޭގައި ގިނައީ ޓީވީ ތަރިންނެވެ. އެގޮތުން ސީޒަން 14 އިން ވެސް 16 ވަރަކަށް ސެލެބްރިޓީން ފެންނާނެ އެވެ. އެކަމަކު އެއީ ކޮންކޮން ބައެއް ކަމެއް އަދި ކަށަވަރެއްނުވެ އެވެ. އިންތިޒާރުކުރަން ޖެހެނީ "ބިގް ބޮސް 14" ރަސްމީކޮށް ލޯންޗްކުރާނެ އިރަކަށެވެ.
"ބިގް ބޮސް 13" ނިންމައިލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ޝޯގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެ ސީޒަން ކާމިޔާބުކުރީ ޓީވީ އެކްޓަރު ސިދާތު ޝުކްލާ އެވެ.
ސަލްމާން "ބިގް ބޮސް" ހޯސްޓްކުރަމުން އަންނަނީ 2010 އިން ފެށިގެންނެވެ. އަދި ޝޯ އިން އޭނާ އަށް ބޮޑު އަގެއް ލިބެ އެވެ.