އައްޑޫގައި ކޮވިޑް-19 އަށް  މީހަކު ޕޮޒިޓިވްވެއްޖެ
އައްޑޫގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އައްޑޫ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުުރި އުމުރުން 38 އަހަރުުގެ ދިވެހި ފިރިހެނަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހު މާލެ އަށް ސާމްޕަލް ދިނުމަށް ފަހު، އެ ރަށަށް ދަތުރުކުރި މީހެއް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. ސާމްޕަލްގެ ނަތީޖާ ލިބުނުއިރު، އޭނާ ހުރީ ފޭދޫގައި ހޯމް ކަރަންޓީންގަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދިވެހިން އިތުރުވެ، އަތޮޅު ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް މިހާރު ދަނީ ގިވަމުންނެވެ. އެހެންވެ، ރަށްރަށަށް ދަތުރު ކުރުމުގެ އުސޫލުތައް ވެސް ވަނީ ހަރުކޮށިކޮށްފަ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ވެސް އިތުރު ހަރުކަށި ފިޔަވަޅުތައް މިހާރު ދަނީ އަޅަމުންނެވެ.

ކޮވިޑް ޖެހިފައިވާ މީހުން މިހާރު ތިބީ މާލެ ސަރަހައްދާއި ފޭދޫގެ އިތުރުން ހއ. އިން ކެލާ، އިހަވަންދޫ، ފިއްލަދޫ، ހދ. އިން ނާވައިދޫ، ބ. އަތޮޅު ކުޑަރިކިއްޔާއި ކަމަދޫ، ޅ. އަތޮޅުން ހިންނަވަރު، ކ. މާފުށި، ވ. އަތޮޅުން ފުލިދޫ އަދި ފުވައްމުލަކެވެ.

ކޮވިޑް ޖެހޭ މީހުން އަދިވެސް ގިނައީ މާލެ ސަރަހައްދުގަ އެވެ. އެހެންވެ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އޭގެ ތެރޭގައި ރޭގަނޑު 9:30 ގައި ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ބަންދުކޮށް، ރޭގަނޑު 10 ން ފަތިހު 5 އަށް ކާފިއު ހިންގުން ހިމެނެ އެވެ. މީގެ އިތުރުން އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މާލެ ސަރަހައްދުގައި މަޖުބޫރެވެ. ކޮވިޑް ފެނިފައިވާ އެހެން ރަށްރަށުގައި ވެސް އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރެވެ.