09 އޯގަސްޓް 2020 - 08:21

މާވެލް ސްޓޫޑިއޯސް އިން މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ކެޕްޓަން މާވެލް" ގެ ދެވަނަ ބައި ޑައިރެކްޓްކުރަން ކަޅު ނަސްލުގެ އަންހެނަކަށް ފުރަތަމަ ފަހަރަށް ފުރުސަތު ދީފި އެވެ.
ހޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ އަދި ސުޕަހީރޯ ފިލްމުތައް ގެނެސްދޭން އަރާހުރި ސްޓޫޑިއޯ އިން އެ ފުރުސަތު ދީފައި ވަނީ ނިއާ ޑަކޯސްޓާއަށެވެ. މިއާއެކު އޭނާ ވާނީ މާވެލްގެ ތާރީހުގައި ވެސް ކަޅު ނަސްލުގެ އަންހެނަކު އެ ސްޓޫޑިއޯގެ ފިލްމެއް ޑައިރެކްޓްކުރާ ފުރަތަމަ ފަހަރަށެވެ.
އެމެރިކާގެ ނިއު ޔޯކަށް އުފަން 30 އަހަރުގެ ނިއާ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2018 ގެ "ލިޓްލް ވުޑްސް" އާއި މިދިޔަ އަހަރުގެ "ޓޮޕް ބޯއި" ހިމެނެ އެވެ. އޭނާގެ ފިލްމަކަށް ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނަން އޮތީ އޮކްޓޯބަރުގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "ކޭންޑީމޭން" އެވެ.
މާވެލް އިން ލިބުނު ފުރުސަތާ ބެހޭ ގޮތުން ނިއާ ބުނީ މިއީ ކުރިއަށްދާން ލިބުނު ވަރަށް ރަނގަޅު ފުރުސުތެއް ކަމަށާއި އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނެ ކަމަށެވެ. އަނާ އަށް މާވެލްގެ ފިލްމެއް ޑައިރެކްޓްކުރަން މި ލިބުނީ އެމެރިކާގެ ކަޅު ނަސްލުގެ މީހުންނާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައްތައްކުރާތީ އެ މައްސަލާގައި ވަރަށް ގިނަ ބަޔަކު އަޑުއުފުލަމުންދާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ އަހަރުގެ މާޗްގައި ރިލީޒްކުރި "ކެޕްޓަން އެމެރިކާ" އަކީ ވެސް އަންހެން ޑައިރެކްޓަރަކު ހެދި ފިލްމެކެވެ. ސްކްރީންޕްލޭގައި ހިއްސާވުމުގެ އިތުރުން ފިލްމު ޑައިރެކްޓްކުރީ އަނާ ބޯޑެން އެވެ.
ބްރީ ލާޒަން ޓައިޓްލް ރޯލް ކުޅުނު އެ ފިލްމަކީ ބޮކްސް އޮފީހުގައި 1.128 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ހޯދި ފިލްމެކެވެ. ފިލްމު ހެދީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
"ކެޕްޓަން މާވެލް 2" އަކީ ޖުލައި 8، 2022 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ.