ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ މި މަހު 31ގައި އޮންލައިންކޮށް
ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ މި މަހު 31ގައި އޮންލައިންކޮށް

ގައުމީ ބޭންކް، ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ މި މަހު 31 ގައި ބާއްވަން އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލުން ހިއްސާދާރުންނަށް ފޮނުވި ނޯޓިސްގައި ބުނެފައިވާ ގޮތުގައި މި ޖަލްސާ އޮންނާނީ މި މަހު 31 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް، "ފަހިވޯޓް" މެދުވެރިކޮށެވެ.

މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް އެ ނޯޓިސްގައި ވަނީ ބުނެފަ އެވެ.

އަހަރީ އާއްމު ޖަލްސާގައި ބައިވެރިވޭނީ މި މަހު 18އާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް އެކަންޏެވެ. އެ މުއްދަތުގައި ދަފުތަރުގައި ރަޖިސްޓްރީވާ ހިއްސާދާރުން މި މަހުގެ 29ގެ ކުރިން އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ. އެގޮތުން، ޖަލްސާއަށް ޕްރީ-ރަޖިސްޓަރީ ކުރަން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" http://infinity.mv/ މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ބީއެމްއެލުން ބުނީ ޖަލްސާގައި ހިއްސާދާރުގެ ބަދަލުގައި އެހެން މީހަކު ބައިވެރިވާ ނަމަ ޖަލްސާގެ 48 ގަޑިއިރު ކުރިން ޕްރޮކްސީ ފޯމު ހުށަހަޅައި އީމެއިލްއަކުން އެކަން އެންގުމަށެވެ. އަދި ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި، ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ޖަލްސާއަށް މީހަކު ފޮނުވާ ނަމަ އެއީ ކުންފުނި ތަމްސީލުކުރުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރަކުން ހުއްދަ ދީފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް ބީއެމްއެލްގެ ނޯޓިސްގައި ބުންޏެވެ.

ޖަލްސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ ނުވަތަ ޖަލްސާގެ އެޖެންޑާއަކަށް އެއްވެސް ސުވާލެއް ހުށަހަޅަން ބޭނުންވާ ނަމަ[email protected]އަށް މެއިލް ކުރުމަށް ބީއެމްއެލުން އެދެ އެވެ.