08 އޯގަސްޓް 2020 - 09:02

ދޯހާ (އޮގަސްޓް 8) - ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ހޯމް އައިސޮލޭޝަން ގަވާއިދާ ހިލާފުވުމުގެ ސަބަބުން ގަތަރުގެ އަލް ސާދުގެ ކޯޗު އަދި ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް 2700 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
މިދިޔަ މަހު 25 ވަނަ ދުވަހު ޒަވީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެ ފަހަރު އޭނާ ބުނީ ދެ ދުވަހެއް ވަރު ކުރިން ކޮވިޑް-19 އަށް ޓެސްޓްކުރިއިރު އޭނާގެ ނަތީޖާ ލިބުނީ ޕޮޒިޓިވް ކަމަށެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް ޒަވީ ވަނީ ޖުލައި 29 ވަނަ ދުވަހު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެ މިހާރު އޭނާ ބަލިން ރަނގަޅުވެފައިވާ ކަމަށް ބުނެފަ އެވެ.
މި މައްސަލަ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ސަމާލުކަމަށް އައުމާ އެކު އެ މިނިސްޓްރީން އެކަން ބެލުމަށް ފަހު ނިންމީ ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން ޕަބްލިކް ހެލްތުން ހަދާފައިވާ ގައިޑްލައިނާ ޒަވީ ހިލާފުވެފައިވާ ކަމަށެވެ. ޒަވީ ޕްރެކްޓިހަށް ނުކުތީ ޕަބްލިކް ހެލްތަށް އެންގުމެއް ނެތި އެވެ. މި މައްސަލައިގައި ކުރިއަށް އޮތްތަނުގައި އެ ފަދަ ކަމެއް ތަކުރާރުނުކުރަން ޒަވީ އަށް އިންޒާރުކޮށް 2700 ޑޮލަރުން ޖޫރިމަނާކުރަން ނިންމީ އެވެ.
ޒަވީގެ އިތުރުން އެހެން ކްލަބްތަކާއި އަލް ސާދުގެ ބައެއް ކުޅުންތެރިން ވެސް އުސޫލުތަކާ ހިލާފުވެގެން ޕަބްލިކް ހެލްތު މިނިސްޓްރީން ވަނީ ފިޔަވަޅު އަޅައިފަ އެވެ. ކޮންމެ މީހަކު ވެސް ޖޫރިމަނާ ގޮތުގައި ދައްކަން ޖެއްސީ 2700 ޑޮލަރެވެ.
މިދިޔަ މަހު 24 ވަނަ ދުވަހު ގަތަރުގެ ލީގުގެ ކުޅުން ފެށީ ގަވާއިދުގެ ދަށުން ހުރިހާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު އެވެ. އަދި މެޗުތައް ކުރިއަށްދާއިރު ސިއްހީ ސަލާމަތަށް ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަން ކްލަބްތަކާއި ކުޅުންތެރިންނަށް ވަނީ އަންގައިފަ އެވެ.
އަލް ސާދު ދޫކޮށް ޒަވީ އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އަށް ކޯޗުކޮށްދޭން ދާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރިފައިވަނިކޮށް މިދިޔަ މަހު އޭނާ ވަނީ އަލް ސާދާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު އެއް އަހަަރަށް އާ ކޮށްފަ އެވެ.
ގަލްފް ސަރަަހައްދުން އާބާދީގެ ނިސްބަތަށް ބަލާއިރު އެންމެ ގިނައިން ކޮވިޑް-19ގެ ކޭސް ފެނިފައިވަނީ ގަތަރުންނެވެ. އެ ގޮތުން އެ ގައުމުގެ އާބާދީގެ ހަތަރު ޕަސެންޓަށް މިހާުރު ވަނީ މި ވައިރަސް ޖެހިފަ އެވެ. އެހެން ނަމަވެސް އެ ގައުމުގައި މި ބަލި ޖެހޭ ނިސްބަތަށް ބަލާއިރު މަރުވާ މީހުންގެ އަދަދު މަދެވެ. އެއް ލައްކަ އަށް ވުރެން ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނުއިރު، މި ބަލީގައި އެ ގައުމުގައި މަރުވީ 180 މީހުންނެވެ.