ފީފާގެ އެހީއާ އެކު ސާފްގައި އިތުރު މުބާރާތްތަކެއް ބާއްވަން މަޝްވަރާކޮށްފި
ފީފާގެ އެހީއާ އެކު ސާފްގައި އިތުރު މުބާރާތްތަކެއް ބާއްވަން މަޝްވަރާކޮށްފި

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ އެހީއާ އެކު ދެކުނު އޭޝިއާ ސަރަހައްދު (ސާފް) ގައި އިތުރު މުބާރާތްތަކެއް ބާއްވަން މަޝްވަރާކޮށްފި އެވެ.

ސާފް ސަރަހައްދުގެ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ވެރިންނާ އެކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ މިދިޔަ ބުރާސްފަތި ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ވަނީ ދެކުނު އޭޝިއާގެ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

އެ ގޮތުން އެންމެ ބޮޑަށް މަޝްވަރާކުރެވުނު ކަމަކީ ސާފް ގައުމުތަކުގެ މެދުގައި ކުޅެވޭ ފުޓްބޯޅަ މުބާރާތްތައް އިތުރު ކުރުމެވެ. މީގެ ތެރޭގައި ދެ ޖިންސުގެ މުބާރާތްތަކާއި ކްލަބް ލެވެލާއި ސީނިއާ ގައުމީ ޓީމުތަކުގެ އިތުރުން އުމުރުފުރާ ގައުމީ ޓީމުތަކަށް މުބާރާތްތައް އިތުރުކުރަން ވާހަކަ ދެކެވުނެވެ. މި ވަގުތަށް ބަލާއިރު ސާފްގެ ގައުމުތަކަށް އޮންނަނީ ސާފް ޗެމްޕިއަންޝިޕާއި ސައުތު އޭޝިއަން ގޭމްސް އެކަންޏެވެ. އެ މުބާރާތް އޮންނަނީ ސީނިއާ އަންހެން އަދި ފިރިހެން ގައުމީ ޓީމުތަކުގެ އިތުރުން އެކި އުމުރުފުރާ ގައުމީ ޓީމުތަކުގެ މެދުގަ އެވެ.

ފީފާ އާއި އޭއެފްސީއާ އެކު ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމްގެ ފަރާތުން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެވަޑައިގެންނެވި އެވެ. ބައްސާމް ވިދާޅުވީ މުބާރާތްތައް އިތުރު ކުރެވުމުގެ ވާހަކަތައް ދެކެވުނު ކަމަށާއި މިއީ މި ސަރަހައްދުގެ ފުޓްބޯޅަ އަށް ވަރަށް އުއްމީދީ ކުރިއެރުންތަކެއް ލިބޭނެ ބައްދަލުވުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ފީފާ އާއި އޭއެފްސީއާ އެކު ބޭއްވުނު އެ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގައިވަނީ ސާފް ގައުމުތަކުގެ ކްލަބްތަކުގެ މެދުގައި ވެސް މުބާރާތްތައް ބާއްވަން މަޝްވަރާކޮށްފަ އެވެ. މީގެ ކުރިން ވެސް ސާފް ސަރަހައްދުގެ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އެކި ބައްދަލުވުންތަކުގައިވަނީ ސަރަހައްދުގެ ކްލަބްތަކުގެ މެދުގައި ވާދަވެރި މުބާރާތްތަކެއް ބޭއްވުމުގެ ވާހަކަތައް ދައްކައިފަ އެވެ. އެކަމަކު މިހާތަނަށް އެ މަޝްވަރާތަކަށް އަމަލީ ސިފައެއްގައި ކުރިއެރުމެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މި ވަގުތަށް ބަލާއިރު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ކްލަބްތަކުގެ މެދުގައި ވާދަވެރިކޮށް ކުރިއަށްދަނީ އޭއެފްސީ ކަޕް އެވެ. އޭއެފްސީން މީގެ ތިން އަހަރު ކުރިން ފޯމެޓަށް ގެނައި ބަދަލާ އެކު ދެކުނު އޭޝިއާ ސަރަހައްދުގެ ކްލަބްތައް ވާދަކުރަނީ އެއް ގްރޫޕެއްގަ އެވެ. ކޮވިޑް-19ގެ ސަބަބުން ސެންޓްރަލައިޒްކޮށް މެޗުތައް އެއް ސަރަހައްދެއްގައި ގެންދިއުމުގެ ވިސްނުމުގައި އޭއެފްސީ ކަޕް މެޗުތައް ބާއްވަން ނިންމާފައިވާއިރު، ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް އޮކްޓޫބަރު މަހު އޮންނާނީ ރާއްޖޭގަ އެވެ.

ދެ އަހަރުން އެއް އަހަރު ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) ބާއްވަން ހަމަޖައްސާފައި އޮތް ނަމަވެސް އެ މުބާރާތް ކަނޑައަޅާ ތާރީހުގައި ބޭއްވުމުގައި އަބަދުވެސް ދަތިތަކާ ކުރިމަތިވެ އެވެ. އެންމެ ފަހުން އެ މުބާރާތް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. މި އަހަރުގެ މުބާރާތް ބާއްވަން ތާވަލުކުރީ އަންނަ މަހު ބަންގްލަދޭޝްގައި ކަމަށްވީ ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ފީފާގެ ފަރާތުން ކޮވިޑް-19 ރިލީފް ފަންޑުގެ ގޮތުގައި ފައިސާ ދިނުމަކީ މި ފަދަ އުނދަގޫ ހާލަތެއްގައި އެސޯސިއޭޝަންތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަން ފާހަގަކޮށް މެމްބަރު އެސޯސިއޭޝަންތަކުން ވަނީ އެކަމަށްޓަކައި ފީފާ އަށް ޝުކުރު އަދާކޮށްފަ އެވެ.