ބޭސްފަރުވާ އަށް 50 މީހުން މިއަދު ފުރުވާލައިފި
ބޭސްފަރުވާ އަށް 50 މީހުން މިއަދު ފުރުވާލައިފި

އާސަންދައިގެ ހަރަދުގައި ފަރުވާ ހޯދުމަށް ހަތަރު ވަނަ ބެޗު މިއަދު ފުރުވާލައިފި އެވެ.

އިންޑިއާ ސަރުކާރުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުން، ހަވީރު 6:30 ގައި ފޮނުވާލީ ބަލި މީހުންގެ އެހީތެރިންނާއެކު ޖުމްލަ 50 މީހުންނެވެ. މި އެންމެން ވެސް އިންޑިއާއަށް ފޮނުވީ އެ ގައުމުގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓުކޮށް، ނަތީޖާ ނެގެޓިވްވުމުންނެވެ.

އިންޑިއާއިން ވެސް އެ މީހުން ކޮވިޑަށް ޓެސްޓުކުރާނެ އެވެ. އަދ އެ ގައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރާނެ އެވެ. އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް ކޮވިޑަށް ޓެސްޓު ކުރާނެ އެވެ.

އާސަންދައިން ބުނީ މިއަދު ފުރި މީހުންގެ ތެރެގައި ހިމެނެނީ 21 ބަލި މީހުން ކަމަށެވެ. އޭގެތެރެއިން ނުވަ މީހުންގެ ފަރުވާ ހަމަޖައްސާފައިވަނީ އެއިމްސް ހޮސްޕިޓަލުގަ އެވެ. ބާކީ 12 ޕޭޝަންޓުންނަށް ފަރުވާ ދޭނީ ކިމްސް ހޮސްޕިޓަލުގަ އެވެ.

އެ މީހުން ކަރަންޓީނުގައި ތިބޭނީ ފަރުވާ ހަމަޖެހިފައިވާ ހޮސްޕިޓަލުގަ އެވެ. ކަރަންޓީނުގެ މުއްދަތުގައި ވެސް ފަރުވާ ކުރިއަށްގެންދާނެ އެވެ.

މި ދުވަސްވަރު އިންޑިއާއަށް މީހުން ފޮނުވަނީ އެ ގައުމުގެ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. މިވަގުތު ވެސް 60 އަށްވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ.

ކޮވިޑް-19އާ ގުޅިގެން އިންޑިއާ ވެސް އޮތީ ލޮކްޑައުންގަ އެވެ.