09 އޯގަސްޓް 2020 - 09:04

މިހާތަނަށް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް ނޫނީ ނުކުޅޭ ބަތަލާ ވާނީ ކަޕޫރަށް އެހެން ޕްރޮޑަކްޝަން ހައުސްގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.
މި މަހުގެ ތެރޭގައި ސްކޮޓްޑެންޑްގައި ޝޫޓްކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" އިން ފުރުސަތު ލިބުނު ބަތަލާ އަށް އަލަށް ލިބުނު ފިލްމަކީ ދާދި ފަހުން އަޔޫޝްމަން ކްރާނާއާ އެކު ޑައިރެކްޓަރު އަބީޝެކް ކަޕޫރް އިއުލާންކުރި ފިލްމެވެ.
ނަން އަދި އިއުލާންނުކުރާ އެ ފިލްމަށް ވާނީ ސޮއިކުރިކަން މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ވެސް ކަށަވަރުކޮށް ދީފައިވެ އެވެ.
އޭނާ ބުނި ގޮތުގައި އަޔޫޝްމަން އެތުލީޓެއްގެ ރޯލް ކުޅޭ މި ލޯބީގެ ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މި ފިލްމުވެގެންދާނީ ވާނީ އާއި އަޔޫޝްމަންގެ ޖޯޑު އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.
ވާނީ، 31، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ވައިއާރްއެފުން ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފާ އެކު ގެނެސްދިން "ވޯ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އެ ސްޓޫޑިއޯގެ "ޝަމްޝޭރާ" އެވެ. އޭގެ ކާސްޓްގައި ރަންބީރް ކަޕޫރާއި ސަންޖޭ ދަތު ވެސް ހިމެނެ އެވެ.
"ރޮކް އޯން" އާއި "ފިތޫރު" އަދި "ކައި ޕޯ ޗޭ" ފަދަ ފިލްމުތައް ގެނެސްދިން އަބީޝެކް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ސާރާ އަލީ ޚާން 2018 ގައި ބޮލީވުޑަށް ތައާރަފުކުރި ފިލްމު "ކޭދަރުނާތު" އެވެ.