07 އޯގަސްޓް 2020 - 12:14

ވޮޝިންޓަން (އޮގަސްޓް 7) - ވައިޓް ހައުސްގެ ކޮރޯނާވައިރަސް ޓާސްކް ފޯހުގައި ހިމެނިވަޑައިގަންނަވާ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ އަށް މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ސީއެންއެންގައި ވާހަކަ ދައްކަވަމުން ފައުޗީ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޭނާ ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެން އޭނާގެ އަންހެން ބޭފުޅުންނަށް އެތައް ފުރައްސާރައަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންވެ އާއިލާ ހިމާޔަތް ކުރުމަށް ޕްރައިވެޓް ސެކިއުރިޓީން މިހާރު ހޯދާފައިވާ ކަމަށް ފައުޗީ ވިދާޅުވި އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ފައުޗީ އާއި ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ވަނީ ވަރަށް ގިނަ ފަހަރު ޚިޔާލު ތަފާތުވެފަ އެވެ.
"އަޅުގަނޑަށް މަރުގެ އިންޒާރު ލިބުމާއި ޕްރައިވެޓް ސެކިއުރިޓީ ހޯދަން ޖެހޭ މިންވަރަށް އަޅުގަނޑުގެ އަންހެން ދަރިންނަށް ފުރައްސާ ކުރުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ހައިރާންވާ ވަރުގެ ކަމެއް،" އެމެރިކާގައި އެންމެން ވެސް މިހާރު ވަރަށް ފަރިތަ ބޭފުޅެއް ކަމަށްވާ ފައުޗީ ވިދާޅުވި އެވެ.
ޑރ. ފައުޗީ އާއި އޭނާގެ އަނބިކަނބަލުން ބަޔޮލޮޖިސްޓެއް ކަމަށްވާ ޑރ. ކްރިސްޓިން ގްރެޑީ އަށް ތިން އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.
އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަން ޑިޒީޒްގެ ޑިރެކްޓަރުގެ މަގާމު ފައުޗީ، 79، އަދާކުރައްވަމުން ގެންދަވަނީ 1984 ވަނަ އަހަރުން ފެށިގެންނެވެ. ވޭތުވެދިޔަ ފަންސާހަކަށް އަހަރު މެޑިކަލް ރިސާޗަރެއްގެ ގޮތުން ފައުޗީ ކުރެއްވި މަސައްކަތާ މެދު ހިތްހަމަނުޖެހުން ބައެއް މީހުން މީގެ ކުރިން ވަނީ އޭނާގެ އޮފީހުގެ ކުޑަ ދޮރަށް ސްމޯކް ބޮން ވެސް އުކައިފަ އެވެ.