07 އޯގަސްޓް 2020 - 12:21

އަހުމަދުއާބާދު (އޮގަސްޓް 7) - އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އަހުމަދުއާބާދުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އަލިފާން ރޯވެ އެ ތަނުގައި ފަރުވާ ދެމުން ދިޔަ ކޮވިޑް-19 ގެ ބަލި މީހުންތަކެއް މަރުވެއްޖެ އެވެ.
އަހުމަދުއާބާދުގެ ޝްރޭ ހޮސްޕިޓަލްގެ އައިސީޔޫ އިން 8 މީހުން މަރުވި އަލިފާންގަނޑު ނިއްވާލަން ބައިގަޑިއިރު ހޭދަވި ކަމަށް އޮފިޝަލުން ބުންޏެވެ. އިތުރު 35 ބަލި މީހަކު ވަނީ އެހެން ހޮސްޕިޓަލްތަކަށް ބަދަލުކޮށްފަ އެވެ.
އައިސީޔޫގައި އަލިފާން ރޯވެފައި ވަނީ މެންދަމު 3 ޖެހިއިރު އެވެ. އަލިފާން ރޯވި ކަމަށް ވަނީ މެޑިކަލް ސްޓާފެއްގެ ޕީޕީއީގައި ރޯވުމުން އޭނާ ދުވެފައި ގޮސް އައިސީޔޫ ވޯޑަށް ވަނުމުންނެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް ބަދަލެއްގެ ގޮތުގައި 200،0000 ރުޕީސް (2،672 ޑޮލަރު) ދޭނެ ކަމަށެވެ.
މޯދީގެ އުފަން ސްޓޭޓް ކަމަށްވާ ގުޖުރާތަކީ އިންޑިއާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރޭ އެއް ސްޓޭޓެވެ. އިންޑިއާ އިން ޕޮޒިޓިވްވި މީހުން ދެ މިލިއަނަށް އަރާފައިވާ އިރު އެ ސްޓޭޓުން ވަނީ 65،000 މީހުންނަށް ބަލިޖެހިފަ އެވެ.