06 އޯގަސްޓް 2020 - 22:30

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު މި މަސް ފެށުނީންސުރެ ކޮންމެ ދުވަހަކު 100 އިން މަތީގައި ހުރުމަށް ފަހު މިއަދު 86 އަށް ދަށްވެއްޖެ އެވެ.
އެޗްޕީއޭ އިން އާންމުކުރި އިއްޔެ، އިރުއޮއްސި 6:00 އިން މިއަދު އިރު އޮއްސި 6:00 އަށް ޓެސްޓްކުރި ސާމްޕަލްތަކުގެ ނަތީޖާގައިވާ ގޮތުން އަލަށް ޕޮޒިޓިވްވީ 86 މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހީންނާއި ބަންގްލަދޭޝްގެ 27 މީހަކާއި އިންޑިއާ އާއި ޕިލިޕީންސް އަދި ސްރީ ލަންކާ ތިން މީހުންނެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވެސް ޕޮޒިޓިވްވީ މާލޭންނެވެ.
މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 100 އިން މަތީގަ އެވެ. އެގޮތުން މިހާތަނަށް އެއް ދުވަހަކާ އެންމެ ގިނައިން ރާއްޖޭން މީހުން ޕޮޒިޓިވްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ވަނީ 242 މީހަކު ޕޮޒިޓިވް ވެފަ އެވެ. އިއްޔެ އެކަނި ވެސް 113 މީހުން ޕޮޒިޓިވްވި އެވެ.
މިއަދު ޕޮޒިޓިވްވި 86 މީހުންނާއެކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4,680 އަށް ވަނީ އަރައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ދިވެހީންނެވެ. މިފަހުން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ދިވެހީންނެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު ބަލި ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރުވުމުން މިހާރު ވަނީ ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށް އަދި ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ދެމެދު ބޭރުގައި އުޅުން މަނާކޮށްފަ އެވެ. އަދި ރަށްރަށަށް ދިއުމުގައި ދިން ލުއިތައް ވެސް ވަނީ އަލުން ހަރުކަށިކޮށްފަ އެވެ.
ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2،725 މީހުން ވަނީ ބަލިން ފަސޭހަ ވެފަ އެވެ. މިވަގުތު 1،936 މީހުން ބައްޔަށް ފަރުވާ ހޯދަމުން ދާއިރު އޭގެ ތެރެއިން 128 މީހުން ތިބީ ހޮސްޕިޓަލްތަކުގަ އެވެ. ކޮވިޑް-19 ގައި ރާއްޖޭން 19 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން 4,680 މީހުން ޕޮޒިޓިވްވެފައިވަނީ ނެގި 85،587 ސާމްޕަލުންނެވެ. އޭގެ ތެރޭގައި ބައެއް މީހުންގެ ރިޕީޓް ސާމްޕަލްތައް ވެސް ހިމެނެ އެވެ.