ނަޖިހުން "ކުނިވެފައި" އޮތް ޒިކުރާ މިސްކިތުގެ ފާހަނާ ސާފުކޮށްފި
ނަޖިހުން "ކުނިވެފައި" އޮތް ޒިކުރާ މިސްކިތުގެ ފާހަނާ ސާފުކޮށްފި

މާލޭ ޒިކުރާ މިސްކިތުގެ ފާހާނާ ހޮޅިއެއް ބެދި، ނަޖިސް ބޭރުވަމުން އަންނަތާ ފަސް ދުވަސް ފަހުން އެ ފާހަނާ ސާފުކޮށް، އަލުން ބޭނުން ކުރަން ފަށައިފި އެވެ.

މިސްކިތުގެ ފާހާނާ ތެރެއިން ނަޖިސް މައްޗަށް އަރައި މުޅި ފާހާނާ ތެރެއަށް ފެތުރުމާ ގުޅިގެން ނަމާދުކުރާ މިސްކިތާއި މުޅި އެ ސަރަހައްދަށް ނަޖިސް ވަސް ފެތުރި އާންމުންނަށް ބޮޑު އުނދަގުލަކާ ކުރިމަތިވި އެވެ. އެކަމާ ހުރެ ބައެއް މީހުން އެ މިސްކިތަށް ނަމާދަށް އެރުން ވެސް ހުއްޓާލި އެވެ.

މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް މިއަދު ކިޔައިދިން ގޮތުގައި ރޭ ވަރަށް ދަންވި ފަހުން ފާހަނާ ތެރޭގައި ހުރި ނަޖިސްތައް ސާފުކޮށް، ބެދުނު ފާހަނާ ހޮޅި ރަނގަޅުކޮށްފައިވާ ކަމަށެވެ.

"ނަޖިސްތައް ނަގައި ސާފުކޮށް، ހޮޅިން ނަޖިސްތައް ދައުރުވާ ގޮތަށް ވަނީ ހައްލުކޮށްފައި،" އޭނާ ބުންޏެވެ.

މެންދުރު ނަމާދަށް މިއަދު އެ މިސްކިތަށް އެރި ގިނަ ބަޔަކު ވަނީ ޒިކުރާ މިސްކިތުގެ ފާހަނާ ބޭނުންކޮށްފަ އެވެ. އެ މިސްކިތުގައި ދެ ފާހަނާ ހުންނައިރު، މައްސަލަ ޖެހުނީ އޭގެ ތެރެއިން އެއް ފާހަނާގަ އެވެ. އެ ދެ ތަނުން މިހާރު ފާހަނާ ކުރެވޭ ކަމަށް ބައެއް މީހުން ބުނެ އެވެ.

މިސްކިތުގެ މުވައްޒަފުންތަކެއް އެކަން ހައްލު ކުރަން އަމިއްލަ ގޮތުން މަސައްކަތް ކުރިއަސް ފަސް ދުވަސް ވީ އިރު ވެސް ހައްލު ނުވެ ހުރީ އިސްލާމިކް މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަތަކެއް ނުލިބިގެން ކަމަށްވެ އެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.