07 އޯގަސްޓް 2020 - 09:29

އޭއެފްސީ ކަޕާއި ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބްރެޒިލްގެ ފްލުމިނެސޭގެ ފޯވާޑް ރޮބްސަން އަޒެވޭޑޯ ޑަ ސިލްވާ (ރޮބީނިއޯ) ގެ ސޮއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އިން ހޯދައިފި އެވެ.
އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަންނަ އަހަރު ޖުލައި މަހުގެ ނިޔަލަށް އުމުރުން 25 އަހަރުގެ ރޮބީނިއޯގެ ސޮއި ހޯދީ ބަޝުންދުރާ އަށް ކުޅެމުން އައި ކޮސްޓަ ރިކާ ގައުމީ ޓީމުގެ ފޯވާޑް ޑެނިއަލް ކޮލިންދްރެސް ދޫކޮށްލުމަށް ފަހު އެވެ. ކޮލިންދްރެސް ވަނީ ބަޝުންދުރާ އިން ބަންގްލަދޭޝް ޕްރިމިއާ ލީގާއި އިންޑިޕެންޑްސް ކަޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގައި ފްލުމިނޭސޭއާ އެކު 2017 ވަނަ އަހަރު ކެރިއަރު ފެށި ރޮބީނިއޯ ވަނީ އެ ޓީމަށް ރަސްމީ 15 މެޗު ކުޅެދީފަ އެވެ. ރޮބީނިއޯ އަށް ފްލުމިނެސޭ ޓީމުން ފުރުސަތު ދޭން ފެށީ އެ އަހަރު ވަޓްފޯޑަށް ރިޗާލިސަން ވިއްކާލުމަށް ފަހު އެވެ. އެކަމަކު ފާއިތުވި އަހަރުތަކުގައި ރޮބީނިއޯ ކުޅެފައިވަނީ ލޯން އުސޫލުން އެހެން ޓީމުތަކަށެވެ. އެ ގޮތުން އެމެރިކާ މިނޭރޯ އަށް 2018 ވަނަ އަހަރު ކުޅުމަށް ފަހު މިދިޔަ ސީޒަނުގައި ސީއެސްއޭ އާއި ވިލާ ނޯވާ އަށް ކުޅުނެވެ. ބަޝުންދުރާ އަށް ބަދަލުވުމުގެ ކުރިން އޭނާ އެންމެ ފަހުން ކުޅެފައިވަނީ ބްރެޒިލްގެ ސައޮ ޕައޮލޯގެ ސްޓޭޓް ލީގުގައި ވާދަކުރާ އެގުއާ ސަންޓާއާ އެވެ.
އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި ވާދަކުރާނީ ބަޝުންދުރާގެ އިތުރުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީގެ އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް މެދުކަނޑާލީ މާޗް މަހު އެވެ. އޭރު މި ގްރޫޕްގެ ކޮންމެ ޓީމެއް އޮތީ އެއް މެޗު ކުޅެފަ އެވެ. ބަންގްލަދޭޝްގައި ކުޅުނު މެޗުން ބަޝުންދުރާ ވަނީ 5-1 އިން ޓީސީ ބަލިކޮށްފަ އެވެ. އިންޑިއާގައި ޗެންނާއީ އާއި މާޒިޔާ ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ.
ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން ކުޅޭ ބަޝުންދުރާ އަށް އޭއެފްސީ ކަޕްގައި ކުޅޭނެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އާޖެންޓީނާގެ ފޯވާޑް ހާނަން ބާކޯސް އެވެ. މަހަކު ވިހި ހާސް ޑޮލަރު ލިބޭ މުސާރައެއްގައި ހުރި ބާކޯސް ވަނީ އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ.
ބާކޯސް އަކީ އާޖެންޓީނާ ގައުމީ ޓީމަށް 2012 ވަނަ އަހަރު ލިއޮނަލް މެސީއާ އެކު ކުޅެފައިވާ ކުޅުންތެރިއެކެވެ. ބަޝުންދުރާ އިން މި އަހަރުގެ ކުރީކޮޅުގައި ބާކޯސް ގެނައީ 10 މަހަށް ކޮންޓްރެކްޓް ހަދައިގެނެވެ. އެކަމަކު މިހާރު ވަނީ އޭއެފްސީ ކަޕް ނިމެންދެން ކޮންޓްރެކްޓް އާ ކުރަން ނިންމައިފަ އެވެ. ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަނުގައި ވެސް އޭނާ ލައްވައި ކުޅުވަން ބަޝުންދުރާ އިން ބޭނުންވެ އެވެ.
އޮކްޓޫބަރު 13 ވަނަ ދުވަހު އޭއެފްސީ ކަޕް މެޗުތައް ފަށަން ތާވަލުކޮށްފައިވާއިރު، ބަޝުންދުރާ ފުރަތަމަ މެޗުގައި ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.