08 އޯގަސްޓް 2020 - 09:23

ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ޑިޒްނީން ގެނެސްދޭން ނިންމާފައިވާ "ޕިނޯކިއޯ" ގެ ރޯލެއް މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް އަސް ހުށަހަޅައިފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މިދިޔަ މަހު ރަސްމީކޮށް ގްރީސްގެ ރަށްވެހިކަން ލިބުނު އެކްޓަރަކަށް ހުށަހަޅާފައި ވަނީ ލަކުޑިން "ޕިނޯކިއޯ" ފަރުމާކުރާ ގެޕެޓޯގެ ރޯލެވެ. އަދި އެ ރޯލާ ބެހޭ ގޮތުން މިހާރު މަޝްވަރާތައް ކުރިއަށްދާ އިރު، ފިލްމަށް ހޭންކްސް އެއްބަސްވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޑިޒްނީން 1940 ގައި ގެނެސްދިން އެނިމޭޓެޑް ފިލްމު "ޕިނޯކިއޯ" އަށް ބިނާކޮށް ލައިވް-އެކްޝަން ފިލްމެއް ހަދާކަން އިއުލާންކުރީ 2017 ގަ އެވެ. އޭރު އެންމެ ފުރަތަމަ ފިލްމުގެ ޑައިރެކްޝަނާ ހަވާލުވީ ސޭމް މެންޑޭޒެވެ.
ނަމަވެސް އޭނާ ފަހުން ފިލްމު ދޫކޮށްލުމުން ފިލްމާ ހަވާލުވީ އެނިމޭޓް ފިލްމް "ޕެޑިންގްޓަން" ސީރީީޒް ޑައިރެކްޓްކޮށްފައިވާ ޕޯލް ކިންގް އެވެ. އެކަމަކު 2018 ގައި އޭނާ ވެސް "ޕިނޯކިއޯ" ދޫކޮށްލުމުން މިހާރު ފިލްމު ޑައިރެކްޓްޝަނާ ހަވާލުވެފައި ވަނީ ރޮބަޓް ޒެމެކިސްއާ އެވެ. އޭނާ އަކީ ހޭންކްސް 2000 ވަނަ އަހަރު ކުޅުނު ކާމިޔާބު ފިލްމު "ކާސްޓް އަވޭ" ގެ ޑައިރެކްޓަރެވެ. ޒެމެކިސް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ވެލްކަމް ޓު މާވެން" އެވެ.
އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ހޭންކްސް، 64، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު އެޕަލް ޓީވީ ޕްލަސް އިން ސްޓްރީމްކުރި "ގްރޭހައުންޑް" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ނިއުޒް އޮފް ދަ ވޯލްޑް" އާއި "އެލްވިސް" އަދި "ބައޯސް" ހިމެނެ އެވެ.