ފަސް އަހަރު ފަހުން ބިޕާޝާ ބާސޫގެ ފިލްމެއް
ފަސް އަހަރު ފަހުން ބިޕާޝާ ބާސޫގެ ފިލްމެއް

މީގެ ފަސް އަހަރު ކުރިން ރިލީޒްކުރި ބިރުވެރި ފިލްމު "އަލޯން" އަށް ފަހު ބޮލީވުޑުން ގެއްލިފައިވާ ބަތަލާ ބިޕާޝާ ބާސޫ "ޑޭންޖަރަސް" ކިޔާ ވެބް ފިލްމަކާ އެކު ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

ވިކަރަމް ބަޓް ލިޔެ، ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުން ބިޕާޝާއާ އެކު އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ވެސް ފެނިގެންދާނެ އެވެ.

"ޑޭންޖަރަސް" އަކީ މައްސަލަތައް ބޮޑު ދެމަފިރިއެއްގެ ގުޅުމުގެ ތެރޭގައި ހިނގާ ކަންތައްތަކެއްގެ ސަބަބުން އަނބިމީހާ (ސޮނާލީ ރައުތު) ކުއްލިއަކަށް ގެއްލުމުން އޭނާ ހޯދަން ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާ ފިރިމީހާ (ކަރަން) ކުރާ މަސައްކަތުގެ ތެރޭގައި ކުރީގެ ލޯބިވެރިޔާ (ބިޕާޝާ) އާ ދިމާވެ، އެ ދެ މީހުންގެ މެދުގައި ހިނގާ ސިއްރު ގުޅުންތަކެއް ވެސް ދައްކުވައިދޭނެ އެއްޗެކެވެ.

"ޑޭންޖަރަސް" ޑައިރެކްޓަރަކީ "އަލޯން" ވެސް ޑައިރެކްޓްކުރި ބުޝަން ޕަޓޭލެވެ. "ރާގިނީ އެމްއެމްއެސް 2" އާއި "1920: އީވިލް ރިޓާންސް" ވެސް ގެނެސްދިން ބުޝަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން "އަމާވަސް" އެވެ.

އެމްއެކްސް ޕްލެޔާ އިން މި މަހުގެ 14 ގައި ސްޓްރީމްކުރަން ހަމަޖެހިފައިވާ "ޑޭންޖަރަސް" ގެ ކާސްޓުންގެ ތެރޭގައި ސުއްޔާޝް ރާއީ އާއި ނަތާޝާ ސޫރީ އާއި ނިތިން އަރޯރާ ވެސް ހިމެނެ އެވެ. ވިކްރަމާ ގުޅިގެން މީތި ޕްރޮޑިއުސްކުރުމުގައި ލަވަކިޔުންތެރިޔާ މިކާ ސިންގް ވެސް ހިއްސާވެފައިވެ އެވެ.

ކަރަންއާ 2016 ގައި ކައިވެނިކުރި ފަހުން ބިޕާޝާ ބޮޑު ސްކްރީނުން ގެއްލުނު ނަމަވެސް ކަރަން ދޭތެރެ ދޭތެރެއިން ބައެއް އުފެއްދުންތަކުން ފެނެ އެވެ. އެގޮތުން ސްޓާ ޕްލަސް އިން ގެނެސްދޭ ސިލްސިލާ "ކަސޯޓީ" ގައި ބަޖާޖްގެ ރޯލް ކުޅުމަށް ފަހު، އެ ސިލްސިލާ އޭނާ ވަނީ ދޫކޮށްލައިފަ އެވެ.