26 އޮކްޓޯބަރ 2016 - 05:50

ގެލަކްސީ ނޯޓް7 އަށް ވުރެ އުމުރު ކުރު ފޯނެއް ސެމްސަންގްގެ ހަޔާތުގައި ވެސް ނުއުފައްދަ އެވެ. ގެލަކްސީ ނޯޓް7 އުފެއްދުން ވެސް ވަނީ ހުއްޓާލާފަ އެވެ. ބެޓެރީ ގޮވައި ހުޅުހިފަން ފެށުމުންނެވެ.
ގެލަކްސީ ނޯޓް މަރުކާ އަށް ލޯބިޖެހިފައި ކިތަންމެ ބަޔަކު ތިބި ނަމަވެސް، ނޯޓް7 ގައި ބީހިލާނެ ފުރުސަތެއް ދެން ނުލިބޭނެ އެވެ. އެހެން ނަމަވެސް ނޯޓް7ގެ "ރޫހު" ދެކެލުމުގެ ފުރުސަތު، ގެލަކްސީ އެސް7 ގެންގުޅޭ މީހުންނަށް ސެމްސަންގުން ވަނީ ލިއްބައިދީފަ އެވެ. ނޯޓް7ގެ ޖާދޫ ކަސްޓަމަރުންނަށް ދައްކަން ގެލަކްސީ އެސް7 އަށް ސެމްސަންގުން ވަނީ "ފާމްވެއާ އަޕްޑޭޓް"ތަކެއް ފޮނުވާފަ އެވެ.
ގެލަކްސީ އެސް7ގެ ތެރޭގައި، ގެލަކްސީ ނޯޓް7 އުޅޭކަން އެނގޭ އަލާމާތްތަކުގެ ތެރޭގައި "އޯލްވޭސް-އޮން ޑިސްޕްލޭ މޯޑް" ހިމެނެ އެވެ. އެއީ އާދައިގެ ހާލަތުގައި ފޯނު އޮންނައިރު، ގަޑި އާއި "މިސްޑް ކޯލް" އަދި އެހެނިހެން ނޮޓިފިކޭޝަން ފެންނަން ހުންނަ ފަނޑު ސްކްރީނެކެވެ.
ސްމާޓްފޯން މާކެޓަށް ވާދަވެރިން ނުފޫޒު ގަދަކޮށްފާނެ ކަމަށް ބަލައި، ސެމްސަންގުން ވަނީ ގެލަކްސީ ނޯޓް7 އަށް ޚާއްސަ ފީޗާތަށް، ގެލަކްސީ އެސް7 އަދި އެސް7 އެޖަށް ފޮނުވާފަ އެވެ. ސެމްސަންގުން ބުނާ ގޮތުގައި ނޯޓް7 އަށް ގެނައުމަށް ވިސްނާފައި ހުރި ގިނަ ފީޗާތައް ގެލަކްސީ އެސް7 އަށް ލިއްބައިދޭނެ އެވެ.